ގދ.ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެރަށު ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތް ފަށާފައިވަނީ އިއްޔެއެވެ.
މިމަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ވިދާޅުވީ މިހާރު ކުރިއަށްދަނީ ބެޑް ޕްރިޕަރޭޝަން މަސައްކަތްކަމަށެވެ.
ގދ.ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ތެރޭގައި 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 6600 އަކަމީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ.
އެމްޓީސީސީގެ އަމާޒަކީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ރަތަފަންދޫ ރައްޔިތުންނަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ވީހާ އަވަހަކަށް ހައްލުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ. ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މިމަޝްރޫއުގެ އަގަކީ 27.8 މިލިއަން ރުފިޔާއެވެ.
ގދ. ރަތަފަންދޫގެ 1385 ރައްޔިތުން ރަށްގިރުމުގެ ހިތްދަތިކަން ތަހައްމަލު ކުރަމުންދާތާ ވަނީ އެތައް އަހަރެއްވެފައެވެ. ރަށްގިރުމާއި ހުޅަނގުގައި އުދަ އެރުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށުގެ ބޮޑުބައެއް ގިރައި ރަށުގެ އެތެރޭގެ ބޮޑުބަޔަކަށްވަނީ އުދައެރުމުގެ މައްސަލަ ކުރިމަތިވެފައެވެ. އަދި އުދައެރުމުގެ ސަބަބުން ދަނޑުބިންތަކަށާއި މީހުން ދިރުއުޅޭ ގޯތިތަކަށްވެސް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ.
1990ގެ އަހަރުތަކުން ފެށިގެން ގދ.ރަތަފަންދޫއަށް ދިމާވެފައިވާ އެންމެ ހިތާމަވެރި އަދި ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން އޮތް ކަމަކީ ރަށް ގިރުމުގެ މައްސަލައެވެ. އެ ރަށު މީހުން ބުނާގޮތޮތުގައި މިހާރު އެންމެ ބޮޑަށް ގިރަމުން އަންނަ ސަރައްހައްދުގައި ގެތައްވެސް ހުއްޓެވެ. ނަމަވެސް މިހާރު ފެންނަން ހުރީ އެ ގެތަކުގެ ވަށާ ފާރުގެވެސް ކުޑަބައެކެވެ. ޒަމާންވީ މި ބޮޑު މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ސަރުކާރުން ވަނީ މިދިޔަ އެޕްރީލްމަހު އެ ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައެވެ.
ރަތަފަންދޫ ގިރާ ސަރަޙައްދުން ރާޅު އަރައި ގެތަކަށް ގެއްލުންވެ އެ ސަރަޙައްދުގައި ދިރިއުޅޭ މީހުން ވަނީ ރަށުގެ އެހެން ހިސާބުތަކަށް ބަދަލުވެފައެވެ. ކުރިން މޫދުން ފެށިގެން 50 ފޫޓާއި ހިސާބަށް ރާޅު އަރާއިރު، މިހާރު އޭގެ 100 ވަރަކަށް ފޫޓް ދުރަށްވެސް ރާޅު އަރާ ގިރައިގެން ގޮސްފައިވާކަމަށް އެރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ. ބުނެވޭ ގޮތުގައި އެދުވަސްވަރު ރަށަށް ރާޅު އަރާއިރު ގޭގެ ފާރުމަތިން ރާޅު އަރާ ގެތަކަށް ލޮނުވަދެއެވެ. މީގެ އިތުރަށް ވިއްސާރަވެއްޖެނަމަ ގޮނޑުދޮށާ ކައިރީގައި ދިރިއުޅޭ މީހުން ތިބެންޖެހެނީ ނުނިދާ ހޭލައެވެ. ދަނޑު ގޮވާންތަކަށް ގެއްލުން ލިބި އެތަކެއް ގެއްލުންތަކެއް ވަނީ ލިބިފައެވެ.