އިޓާލިއަން ލީގުގައި އިންޓަ މިލާނާ ދެކޮޅަށް ކުޅުނު ޑާބީ މެޗު އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާނުން ކާމިޔާބުކޮށްފިއެވެ.
އޭސީ މިލާނުން މި މެޗު ކާމިޔާބުކުރީ އިންޓަރ އިން ލަނޑެއް ޖަހާ ކުރިހޯދާފައި ވަނިކޮށް ފަހަތުން އަރާ ކާމިޔާބުކުރި ލަނޑުތަކާއެކު 3-2 ގެ ނަތީޖާއަކުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި އިންޓަރ އިން ގިނައިރު ބޯޅަ ގެންގުޅުނު އިިރު ގިނަ ހަމަލާ އުފައްދާފައިވަނީ މިލާނުންނެވެ. މެޗްގެ ފުރަތަމަ ލަނޑު 21 ވަނަ މިނެޓްގައި ޖެހީ އިންޓަރއިންނެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ މާސެލޯ ބްރޮޒޮވިޗެވެ. ނަމަވެސް އޭގެ ހަތް މިނެޓްފަހުން މިލާނުންވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
މި ލަނޑު އެޓީމަށް ޖަހާދިނީ ޕޯޗުގަލްގެ ފޯވަޑް ރަފައެލް ލިއާއޮއެވެ. މިލާނުން މެޗްގެ ލީޑު ނަގާފައިވަނީ 54 ވަނަ މިނެޓްގައި ލިއާއޮ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޮލިވަރ ޖިރޫ ޖެހި ލަނޑުންނެވެ. އަދި ލިއާއޮ ވަނީ އޭގެ ހަ މިނެޓްފަހުން ލަނޑެއް ޖަހާ މިލާންގެ ލީޑު ފުޅާކޮށްދީފައެވެ. މި މެޗްގައި އިންޓަރއިން ޖެހި ދެވަނަ ލަނޑު 67 ވަނަ މިނެޓްގައި ޖަހާދިނީ އެޓީމަށް ހިތްވަރު އާކޮށްދިނީ އެޑިން ޖެކޯއެވެ. އަދި ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް އިންޓަރއަށް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ.
މި ކާމިޔާބީއާއެކު މިލާން މިހާރުވަނީ ކުޅުނު ފަސް މެޗުން ލިބިފައިވާ 11 ޕޮއިންޓާއެކު ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ ރޭ ލާޒިއޯ އާއި ކުޅެ 2-1 އިން މޮޅުވި ނާޕޮލީ އާއި އެއްވަރަށް ޕޮއިންޓް ލިބުނު ނަމަވެސް ޖަހާފައިވާ ލަނޑުގެ އަދަދުން ނާޕޮލީއަށް ކުރި ލިބޭތީ އެވެ.
ނަމަވެސް އެޓަލާންޓާ އާއި ރޯމާއިން ކުޅޭ މެޗުތައް ކާމިޔާބުކޮށްފި ނަމަ ތާވަލްގެ ކުރިއަށް އެ ދެޓީމް ޖެހިލާނެއެވެ. މެޗުން ބަލިވުމާއެކު އިންޓަރ މިހާރުވަނީ ނުވަ ޕޮއިންޓާއެކު ތާވަލްގެ 6 ވަނައަށް ފަހަތަށް ޖެހިލާފައެވެ.