ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ އަންހެނުން ބާރުވެރިކުރުމުގެ ބައްދަލުވުމެއް އައްޑޫގައި


ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ސިޔާސަތު ކަނޑައެޅުމުގައި ބާރުވެރި ކުރުމަށް އައްޑޫގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ޚާއްސަކޮށްގެން އައްޑޫގައި 3 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި 22 ފަރާތުން ބައިވެރިވިއެވެ. މިއީ އައްޑޫ އާއި ފުވައްމުލައް ސަރަހައްދަށް އަމާޒުކޮށްގެން ކެއަރ ސޮސައިޓީން ޔޫއެސްއެއިޑްގެ އެހީގައި ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުމެކެވެ.

'ޕަވަރ ޓު ޕާސުއޭޑް' ގެ ނަމުގައި ބޭއްވި މި ވޯކްޝޮޕަކީ ނުކުޅެދުންތެރިކަން ހުންނަ އަންހެނުންގެ ތެރެއިން ސިޔާސަތު ކަނޑައެޅުމުގައި ބަސްބުނާނެ ފަރާތްތައް އުފައްދައި ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ހައިސިއްޔަތުން ހުރި ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެ ގޮތް ކިޔައިދިނުމަށް ބޭއްވި މަސައްކަތު ބައްދަލުވުމެކެވެ.

މިމަސައްކަތު ބައްދަލުވުމުގައި އަޑު އިވުމުންނާއި، ފެނުމުން މަޙުރޫމް ވެފައިވާ ފަރާތްތަކުން ބައިވެރިވިއެވެ.

މިމަސައްކަތު ބައްދަލުވުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން، ކެއަރ ސޮސައިޓީގެ އެގްޒެކެޓިވް ޑިރެކްޓަރ އަހުމަދު އާތިފް ވިދާޅުވީ، މި މަސައްކަތު ބައްދަލުވުމުގެ ތެރެއިން މައިގަނޑު ގޮތެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ 3 ގޮންޖެހުމެއް ފާހަގަ ކުރެވުނު ކަމަށެވެ. އަދި މިމަސައްކަތު ބައްދަލުވުމުން މިފަރާތްތަކަށް ކޮންމެވެސް ވަރެއްގެ ހައްލުތަކެއް ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް އާތިފް ވިދާޅުވިއެވެ.

" މުޅި ރާއްޖެއަށް ބަލާއިރުވެސް އަޅުގަނޑުމެންނަށް މިފެންނަނީ މި ތިންކަންތައް. ޚިދުމަތްތަކަށް އެކްސެސްވުމާއި، އެޑިއުކޭޝަނާއި، އިޖްތިމާޢީ ރައްކާތެރިކަމާއި ވަޒީފާގެ ވާދަވެރިކަމާއި، ވަޒީފާއަށްދާ ފަރާތްތަކައްވެސް އެކަށީގެންވާ ތަމްރީނު ލިބިފައި ނެތުން. އަޅުގަނޑުމެން އުއްމީދު ކުރަނީ އެބޭފުޅުން އެބޭފުޅުންގެ ކަންތައްތަކުގައި ނިކުތީމަ ކޮންމެވެސް ވަރެއްގެ ހައްލުތަކެއް ލިބިގެން ދާނެ ކަމަށް."އަހުމަދު އާތިފް ވިދާޅުވިއެވެ.

އައްޑޫސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލުގައި 3 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔަ މިމަސައްކަތު ބައްދަލުވުމަކީ އަމިއްލަ ހައްޤުތަކުގައި ވަކާލާތުކޮށް ބާރުވެރިވެފައިވާ 100 އަންހެނުން އުފެއްދުމުގެ މަޤްސަދުގައި ކެއަރ ސޮސައިޓީން ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން ބޭއްވި މަސައްކަތު ބައްދަލުވުމެކެވެ. މީގެ ދެ މައްސަކަތު ބައްދަލުވުމެއް މިހާތަނަށް މާލޭގައި ބާއްވާފައިވާއިރު ކުޅުދުއްފުށީގައިވެސް އެއް މަސައްކަތު ބައްދަލުވުން ކުރިއަށް ގެންގޮސްފައިވެއެވެ. ދެން މި މަސައްކަތު ބައްދަލުވުން ކުރިއަށް ގެންދާނީ ލ. އަތޮޅުގައި ކަމަށް ކެއަރ ސޮސައިޓީން ބުނެއެވެ.