ޚަބަރު

އދ.ގެ ތަޢުލީމާ ގުޅޭ ސަަމިޓަށް ރާއްޖެއިން ހުށައަޅާނެ ކަރުދާސް ތައްޔާރުކުރަން ފަށައިފި


އދ.ގެ ތަޢުލީމާ ގުޅޭ ސަމިޓް "ޓްރާންސްފޯމިންގ އެޑިއުކޭޝަން ސަމިޓް 2022" އަށް ރާއްޖެއިން ހުށަހަޅާ ކަރުދާސް ތައްޔާރުކުރުމަށް މަޝްވަރާ ބައްދަލުވުންތައް ފަށައިފިިއެވެ.

މި ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެމެރިކާގެ ނިއުޔޯކްގައެވެ.

އެގޮތުން މިއަދު ބޭއްވި ބައްދަލުވުމަކީ އެސަމިޓަށް ރާއްޖޭގެ ފަރާތުން ހުށަހަޅާ ކަރުދާސް ތައްޔާރުކުރުމަށްޓަކައި، 2030 ވަނަ އަހަރާ ހަމައަށް ތަޢުލީމު ފުޅާކުރުމާއި ހުރިހާ ފަރާތްތަކެއް ޝާމިލުކޮށްގެން ތަޢުލީމު ދިނުމަށާއި މުޅި އުމުރުގައި ކިޔެވުމަށް މަގުފަހި މާޙައުލެއް ޤާއިމުކުރުމަށް ރާއްޖެއިން ކުރިއަށް ދިއުމަށް ކަނޑައަޅާނެ ފިޔަވަޅުތައް ދެނެގަތުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމެކެވެ.

މިބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއާއި ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮފް ސޯޝަލް ޕޮލިސީ ޑރ. މުޞްޠަފާ ލުޠުފީ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި މަޝްވަރާ ބައްދަލުވުންތައް ކުރިއަށްގެންދިއުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ކޮންވީނަރ އަކީ ޑރ. މަހުމޫދު ޝައުޤީއެވެ. މިބައްދަލުވުންތަކުގައި ތަޢުލީމާއި، ޒުވާނުންނާއި އަންހެނުންގެ ތަރައްޤީއާއި، ސިއްޙަތާއި، އިޖްތިމާޢީ ކަންކަމާ ގުޅުން ހުރި ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތައް އަދި ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާތައް ހިމެނޭގޮތަށް ޖުމްލަ 80 އަށް ވުރެ ގިނަ ފަރާތްތައް ބައިވެރިވެއެވެ.

"ޓްރާންސްފޯރމިން އެޑިޔުކޭޝަން ސަމިޓް" ގެ އަމާޒަކީ މިހާރުން ފެށިގެން 2030 ވަނަ އަހަރާ ދެމުދު ތަޢުލީމު ފޯރުކޮށްދިނުމުގައި ބަދަލުތަކެއް ގެނައުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގައި އެއްބައިވަންތަކަމާއި ކަންކަމުގެ ޙައްލު ހޯދުމަށް، ޤައުމީ ތަސައްވަރުގެ ތެރޭގައި ތަޢުލީމަށް މިހާރަށްވުރެ އިސްކަމެއް ދިނުމެވެ. މި ސަމިޓް ބޭއްވިގެން މިދަނީ ވަރަށް ވެސް ގޮންޖެހުން ބޮޑު ދެ ކަމެއްކަމުގައިވާ ތަޢުލީމުގެ ފެންވަރާއި އުމުރުދުވަހަށް އުނގެނުމުގެ ހައްޤު ފޯރުކޮށްދިނުމުގެ ތަރަހައިގެ ތެރޭގައެވެ.

މި ސަމިޓަށް ކަރުދާސް ތައްޔާރުމަށްޓަކައި އ.ދ ގެ ހުރިހާ ޤައުމުތަކުން ވެސް އެ ޤައުމެއް ތަޢުލީމީ ހިއްސާދާރުން ޝާމިލްވާގޮތަށް ޤައުމީ ފެންވަރުގައި މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް އ.ދ އިން ވަނީ ލަފާ ދެއްވާފައެވެ. ޤައުމީ ފެންވަރުގައި މިފަދަ ބައްދަލުވުންތައް ބޭވުމުގެ ބޭނުމަކީ ކޯވިޑް-19 އަށް ފަހު އެ ޤައުމެއްގައި ތަޢުލީމުގެ ކަންކަން ހުރިނެތްގޮތް ތަޢުލީމީ ހިއްސާދާރުންގެ މެދުގައި މަޝްވަރާކޮށް ދެނެގަތުމުގެ އިތުރުން، 2030ގެ ދެމެހެއްޓެނިވި ލަނޑުދަނޑި 4 (ތަޢުލީމު) ޙާޞިލްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމެވެ. އަދި ހަމަ މިއާއިއެކު މި ފިޔަވަޅުތައް ކާމިޔާބުކުރުމަށް ހުރިހާ ފަރާތްތަކެއްގެ ޝާމިލުވުމާއި އެއްބާރުލުން ވިލަރެސްކުރުން ވެސް ހިމެނެއެވެ.