ދުނިޔޭގެ ވިޔަފާރި

ޑާޓާގެ މައްސަލައެއްގައި އިންސްޓަގްރާމް ޖޫރިމަނާކުރަން ނިންމައިފި


ޔޫރަޕިއަން ޔޫނިއަންގެ ޑާޓާ ޕްރައިވަސީ ސްޓޭންޑަޑްތަކާ ޚިލާފަށް އަަމަލުކޮށްފައިވާކަން އެނގުމުން އަޔަލޭންޑްގެ ރެގިއުލޭޓަރުން އިންސްޓަގްރާމް ޖޫރިމަނާކުރަން ނިންމައިފިއެވެ.

ރިޕަބްލިކް އޮފް އަޔަލޭންޑްގެ ޑޭޓާ ޕްރޮޓެކްޝަން ކޮމިޝަނުން ހޯމަ ދުވަހުބުނީ 402 މިލިއަން އެމެރިކާ ޑޮލަރުން އިންސްޓަގްރާމް ޖޫރިމަނާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. މި ޖޫރިމަނާއަކީ އީޔޫގެ ގަވާއިދުގެ ދަށުން ދެވަނައަށް އެންމެ ބޮޑު ޖޫރިމަނާއެވެ.

އަޔަލޭންޑުން ހާމަކުރިގޮތުގައި އިންސްޓަގްރާމް ބޭނުންކުރާ 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ޒާތީ މައުލޫމާތުތައް އިންސްޓަގްރާމުން ވަނީ ހާމަކޮށްފައެވެ. އެގޮތުން އެ ކުދިންގެ އީމެއިލް އެޑްރެހާއި ފޯނު ނަންބަރުވެސް ހާމަކޮށްފައިވާ ކަމަށް އަޔަލޭންޑުން ބުނެއެވެ. އިންސްޓަގްރާމް ބޭނުންކުރާ ކުދިންގެ އެންމެ ހަގު އުމުރަކީ 13 އަހަރެވެ.

.އިންސްޓަގްރާމުން ބުނީ ތަހުގީގު ފޯކަސްކޮށްފައިވަނީ މީގެ އަހަރަކަށް ވުރެ ގިނަ ދުވަސް ކުރިން އަޕްޑޭޓް ކުރި ކުރީގެ ސެޓިންއަށް ކަމަށާއި އޭގެ ފަހުން ފުރާވަރުގެ ކުދިންނަށް އާ ޕްރައިވެސީ ފީޗާސްތަކެއް ނެރެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޖޮއިން ކުރާއިރު އެކައުންޓްތައް އޮޓޮމެޓިކުން ޕްރައިވެޓަށް ސެޓް ކުރުން ހިމެނޭ ކަމަށެވެ.

ފޭސްބުކް ވެސް ހިންގާ އިންސްޓަގްރާމްގެ ބެލެނިވެރި ކުންފުނި މެޓާ އިން ބުނީ މުޅި ތަހުގީގުގައި ކަމާބެހޭ ފަރާތްތަކަށް ފުރިހަމައަށް އެއްބާރުލުން ދީފައިވީ ނަމަވެސް ނިންމި ނިންމުމާމެދު އެއްބަސް ނުވާކަމަށެވެ. އަދި މިހާރު ކުންފުނިން ރާވަމުން ދަނީ އިސްތިއުނާފް ކުރުމަށް ކަމަށްވެސް އިންސްޓްގްރާމްއިން ބުނެއެވެ.

ޑޭޓާ ހިއްސާކުރުމުގެ މައްސަލައިއެއްގައި ވަޓްސް އެޕްވެސް މީގެކުރިން 21.8 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށްފައެވެ.