ހދ.ކުޅުދުއްފުށި ސިޓީގައި ދަމަނަވެށި ޢިމާރާތްކުރުމަށް ނޯތު ކޯސްޓު ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފިއެވެ.
ކުޅުދުއްފުށި ސިޓީގައި ދަމަނަވެއްޓެއް ޤާއިމުކުރުމަށް ނިންމާފައިވާކަން މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަޞީމް ހާމަކުރައްވާފައިވަނީ މިދިޔަ އހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ.
ކުޅުދުއްފުށި ސިޓީގައި ދަމަނަވެށި އިމާރާތްކުރުމަށް ނޯތު ކޯސްޓު ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވަނީ 26.7 މިލިޔަން ރުފިޔާއަށެވެ. މި މަސައްކަތް 420 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.
އުތުރުގެ އަތޮޅުތަކުގެ ރައްޔިތުން ޞިއްޙީ ޙިދުމަތް ހޯދުމަށް އެންމެ ބޮޑަށް ބަރޯސާވަނީ ކުޅުދުއްފުށި ސިޓީއަށެވެ. ކުޅުދުއްފުށީގައި ޕްރިވެންޓިވް ކެއަރގެ ކަންކަން މިހާރަށްވުރެ ހަރުދަނާކުރައްވަނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.
އަތޮޅުތަކުގެ ޞިއްޙީ ނިޒާމް ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ދަށުން ޢުމްރާނީ ތަރައްޤީގެ އިތުރުން ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ވަސީލަތްތަކާއި ޑޮކްޓަރުންނާއި ނަރުހުން ހަމަކުރެއްވުމުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. އެގޮތުން ލެބޯޓްރީ ނެތް ރަށްރަށަށް މޯބައިލް ލެބްގެ ޚިދުމަތް ތަޢާރަފުކުރުމަށް ކުރައްވާ މަސައްކަތަކީ ފާހަގަކޮށްލެވޭ މަސައްކަތެކެވެ. އަދި ރަށްރަށަށް އެމްބިއުލާން ހަމަކޮށްދިނުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
ދަމަނަވެއްޓަކީ އާއްމުގޮތެއްގައި ފުރާވަރު ކުދިންނަށް ކުރިމަތިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ބޭނުންވާ ކައުންސިލިންގެ ހިދުމަތް ދެމުން އަންނަތަނެކެވެ. މީގެ އިތުރުން ދުންފަތުން ދުރުހެލިވާން އެދޭ މީހުންނަށް ބޭނުންވާ ސިއްޙީ ޚިދުމަތް ދިނުން ފަދަ ޚިދުމަތްތައް އެތަނުން އަންނަނީ ފޯރުކޮށްދެމުންނެވެ. މާލޭގެ އިތުރުން މިވަގުތު ދަމަނަވެށި ގާއިމުކޮށްފައިވަނީ އައްޑޫ ސިޓީގައެވެ.