ކުޅިވަރު

ޒުވާން ޓީމުން ކުރާ މަސައްކަތަކީ ކުރިއަށްދާން ލިބޭ ހިތްވަރެއް: ޝާކިއްޓެ


މި މަހު ސައުދީ އަރަބިއްޔާގައި ކުރިއަށްދާ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރަން ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމުން ކުރާ މަސައްކަތަކީ ކުރިއަށްދާން ބަލާއިރު ހިތްވަރެއް ކަމަށް ޓީމުގެ ކޯޗު އަޙްމަދު ޝާކިރު (ޝާކިއްޓެ) ބުނެފިއެވެ.

ހޮނިހިރު ދުވަހު ފަށާ ކޮލިފައިން ބުރުގައި ދިވެހި ޓީމު ހިމެނޭ މެޗުތައް ކުޅޭނީ ސައުދީގައެވެ. ރާއްޖެ އާއެކު ގްރޫޕް އޭގައި ހިމެނެނީ ސައުދީ އާއި، ޗައިނާ އާއި، މިޔަންމާ އަދި އުޒްބަކިސްތާނެވެ.

ސައުދީގައި ޒުވާން ޓީމުން ކުރިއަށްގެންދާ ތަމުރީނުތަކުގެ ތެރއިން މިދިޔަ އަންގާރަ ދުވަހު ވަނީ ސައުދީ އަރަބިއްޔާގެ ޕްރޯ ލީގުގެ ކުލަބެއް ކަމަށްވާ ހަލީޖް އެފްސީގެ 20 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެ މެޗު ނިމުނީ 3-0 އިން ހަލީޖް މޮޅުވެގެންނެވެ.

މެޗަށްފަހު ދިން އިންޓަވިއުއެއްގައި ޝާކިއްޓެ ބުނީ ކުޅުންތެރިންގެ ޕާފޯމަންސް ރަނގަޅު ކަމަށާއި، ހަތަރު ޕްރެކްޓިސްއަށް ފަހު ލިބިގެންދިޔައީ ރަނގަޅު މެޗެއް ކަމަށެވެ. އަދި މި މެޗުގައި ޓީމެއްގެ ގޮތުގައި ކުޅެން ކުޅުންތެރިން ރަނގަޅަށް މަސައްކަތް ކުރިކަން ޝާކިއްޓެ ވަނީ ފާހަގަކޮށްފައެވެ.

ޝާކިއްޓެ ބުނީ ސައުދީގައި ކުރިއަށްގެންދާ ތަމްރީނުތަކާއި މާލޭގައި ކުރި ތަމްރީނުތަކުގެ ނަތީޖާ ފެންނަ ކަމަށެވެ. އަދި ހުރިހާ ކުޅުންތެރިންގެ ފިޓްނަސްވެސް ރަނގަޅު ކަމަށާއި، ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާތަން ފެނިގެންދާ ކަމަށްވެސް ވަނީ ބުނެފައެވެ.

މި ފަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހު ނުކުންނާނީ އުޒްބަކިސްތާނާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި އަންނަ ހޯމަ ދުވަހު ސައުދީއާ ދެކޮޅަށް ކުޅޭއިރު، އޭގެ ދެ ދުވަސް ފަހުން ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި މި މަހުގެ 18 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ މިޔަންމާއާ ދެކޮޅަށެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރުމަށް ޒުވާން ގައުމީ ޓީމު ސައުދީއަށް ފުރިއިރު، ޒުވާން ޓީމުން އެންމެ ފަހުން ކުޅުނު މުބާރާތަކީ މިދިޔަ އޯގަސްޓް މަހުގެ ކުރީކޮޅު އިންޑިއާގައި ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތެވެ. އެ މުބާރާތުގައި ރާއްޖޭން ކުޅުނު އެއްވެސް މެޗަކުން މޮޅެއް ހޯދިފައި ނުވާއިރު، އެ މުބާރާތުގައި ރާއްޖެއަށް ހަތަރު މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ.