ދުނިޔޭގެ ވިޔަފާރި

މާސެޑީސް އާއި ރިވިއަން ގުޅިގެން އިލެކްޓްރިކް ވޭން އުފައްދަނީ


މާސެޑީޒް ބެންޒް ވޭންސްއާއި ރިވިއަން ގުޅިގެން ކުރިއަށް އޮތް މަދު އަހަރުތަކުގެ ތެރޭގައި ޕޮލެންޑް، ހަންގޭރީ ނުވަތަ ރޫމިނިއާގައި އިލެކްޓްރިކް ވޭން އުފެއްދުމަށް ރާވަމުންދާކަމަށް މާސެޑީޒް ވޭންސްއިން ބުނެފިއެވެ.

ދެ ކުންފުނިންވެސް އެއްބަސްވުމުގައި ސޮއިކޮށް ޖޮއިންޓް ޕްރޮޑަކްޝަން ލައިނެއްގައި މޮޑެލްތައް އުފައްދާނެ ގޮތްތައް ރާވަމުންދާ ކަމަށް މާސެޑީޒް އިން ބުނެއެވެ. މާސެޑީޒް ވޭންސްގެ ވެރިޔާ މަތީއަސް ގޭސަން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިއީ 50-50 ޖޮއިންޓް ވެންޗާއަކަށް ވާނެ ކަމަށާއި މަޝްވަރާތައް ވަރަށް އަވަހަށް ނިންމަން ޖެހޭކަމަށެވެ.

އިންޑަސްޓްރިއަލައިޒް ކުރުމުގައި މާސެޑީޒް ވަރަށް ގިނަ ތަޖުރިބާތަކެއް އެބަހުރިކަމަށާއި އަނެއްކޮޅުން ރިވިއަން އިލެކްޓްރިކް މޮބިލިޓީއާ ބެހޭ ގޮތުން ވަރަށް ގިނަ އާ ޓެކްނޮލޮޖީގެ ތަޖުރިބާތަކެއް ރިވިއަން އިން ގެންނާނެ ކަމަށް ގޭސަން ވިދާޅުވިއެވެ. އެހެންކަމުން މިއީ އެއްކޮށް މަސައްކަތްކުރުމަށް މިއީ އެންމެ ރަގަޅު ދެ ކުންފުނި ކަމަށްވެސް ގޭސަން ވިދާޅުވިއެވެ. ދެ ކުންފުނިންވެސް ބޮޑު ދެ ވޭން އުފައްދަން ވަނީ ނިންމާފައެވެ.

އިލެކްޓްރިކް ވެހިކަލްތަކަށް ކުރާ ބޮޑު ހަރަދުތައް ފޫބައްދަން މިހާރު ސްޕްރިންޓަރ މޮޑެލްގެ ވޭންތައް އުފައްދާ ޖަރުމަނުވިލާތުގެ ފެކްޓްރީތައް އަލުން އެކުލަވާލާނެ ކަމަށް ވެސް މާސެޑީޒް އިން ބުނެއެވެ.

މާސެޑީޒް އިން މިހާރުވެސް ރެނޯލްޓާއި ނިސާންއާ ގުޅިގެން ކުދި އިލެކްޓްރިކް ވޭންތައް އުފެއްދުމަށް އެއްބާރުލުން ދެމުން އަންނަ ކަމަށް އެމީހުން ބުނެއެވެ. ނަމަވެސް މި ބޮޑެތި އިލެކްޓްރިކް ވޭންތަކުގެ ސަބަބުން އެ ވޭން ތަކަށް އަސަރެއް ނުކުރާނެ ކަމަށް ގޭސަން ވިދާޅުވިއެވެ.

މާސެޑީޒްއާއެކު އިލެކްޓްރިކް ވޭން އުފައްދަންފެށުމަކީ މި ދަނޑިވަޅުގައި ރިވިއަންއަށް ވަރަށް މުހިންމު ކަމެކެވެ. އިލެކްޓްރިކް ވާނާއި އެޑްވެންޗާ ވެހިކަލް އުފައްދާ ރިވިއަން އަށް ވަނީ ސަޕްލައި ޗެއިންގެ ދަތިކަމުގެ ސަބަބުން، ތަކެތީގެ އަގު އުފުލުމުން ކުންފުނީގެ މުވައްޒަފުން މަދުކޮށް ޕްރޮގްރާމްތައްވެސް މަޑުޖައްސާލަން މަޖުބޫރުވެފައެވެ.