އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕް 2022 ގެ ދެވަނަ ބުރުގައި ބުރުނާއީއާ ވާދަކޮށް 10 ޕޮއިންޓުގެ ތަފާތަކުން ރާއްޖޭގެ ގައުމީ އަންހެން ނެޓްބޯޅަ ޓީމު ބަލިވެއްޖެއެވެ.
ވާދަވެރި ކުރިމަތިލުމަކަށް ފަހު ބުރުނާއިީން މެޗު ކާމިޔާބުކޮށްފައިވަނީ 50 ޕޮއިންޓް 40 ޕޮއިންޓުންނެވެ.
ބުރާސްފަތި ދުވަހު ކުޅުނު މެޗުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު އެއް ޕޮއިންޓު ކުރީގަ އޮތީ ބުރުނާއީ އެވެ. އެއީ 10-09 ޕޮއިންޓުންނެވެ. ރާއްޖޭން ވަނީ ދެވަނަ ކުއާޓާގައި ބޮޑުތަން ކުޅުން ރަނގަޅުކޮށް ނަތީޖާވެސް ހަމަހަމަކޮށްފައެވެ. ދެވަނަ ކުއާޓާ ނިމުނީ 21-21 އިންނެވެ.
ރާއްޖޭން ވަނީ ތިންވަނަ ކުއާޓާގެ ކުރީކޮޅު ރާއްޖޭން ލީޑު ވެސް ނެގިއެވެ. ނަމަވެސް ބުރުނާއީ ވަނީ ފަހަތުން އަރާ ރާއްޖޭގެ މައްޗަށް ކުރިހޯދާފައެވެ. މި ކުއާޓާ ނިމުނުއިރު ބުރުނާއީ ކުރީގަ އޮތީ 34-33 އިންނެވެ. ބުރުނާއީ ވަނީ ހަތަރުވަނަ ކުއާޓާގައި ފަރަގު ބޮޑުކޮށްފައެވެ. މި ކުއާޓާ އާއެކު މެޗު ނިމުނީ ދިހަ ޕޮއިންޓުގެ ފަރަގަކާއެކު އެވެ.
ދެވަނަ ބުރުގައި ރާއްޖެއާއެކު އެއް ގްރޫޕެއްގައި ހިމެނޭ ގައުމުތަކަކީ ފިލިޕީންސް އާއި ބުރުނާއީއެވެ. މި ބުރުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ފިލިޕީންސް އަތުންވެސް ވަނީ ބަލިވެފައެވެ. ފިލިޕީންސްއާ ދެކޮޅަށް އަންގާރަ ދުވަހު ކުޅުނު މެޗުން ރާއްޖެ ބަލިވެފައިވަނީ 18 ޕޮއިންޓުގެ ތަފާތަކުންނެވެ. އެއީ 59 ޕޮއިންޓް 41 ޕޮއިންޓުންނެވެ.
ދެވަނަ ބުރުގައި ރާއްޖެ ލައްވާލި ގްރޫޕުގަ ހިމެނުނު ތައިލެންޑް ވަނީ މުބާރާތުން ވަކިވާން ނިންމާފައެވެ. އެއާއެކު މުބާރާތުގެ ފޯމެޓަށް ގެނައި ބަދަލާއެކު ތިން ޓީމު ހިމެނޭ ގްރޫޕުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެ ފަހަރު ބައްދަލުކުރާނެއެވެ. އަދި އެ މެޗުތަކަށްފަހު ތާވަލު އެތުރިފައިވާ ގޮތުން ފަސްވަނަ ޓީމުން ފެށިގެން ހަތްވަނަ ޓީމަށް ރޭންކު ކުރެވޭނެއެވެ.
ރާއްޖެއިން ވަނީ މި މުބާރާތަށް ކަނޑައެޅި ޓާގެޓު ކަމަށްވާ އޭޝިއަން އިންޑޯ ގޭމްސްގެ ގަދަ އަށް ޓީމްގެ ތެރޭގައި ހިމެނިފައެވެ. އެއާއެކު މިއީ ފަހުގެ ތާޜީހެއްގައި ނެޓްބޯޅައިން ރާއްޖެ ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ