ޚަބަރު

ފުލުހުންނަށް ހަމަލާ ދިނުމަކުން، ޑްރަގާއި ގޭންގުތަކާއި ދެކޮޅަށް ކުރާ މަސައްކަތް ނުހުއްޓުވޭނެ: ސީޕީ


ފުލުހުންނަށްދޭ ހަމަލާއަކުން މަސްތުވާތަކެއްޗާއި، ގޭންގުތަކާއި ދެކޮޅަށް ފުލުހުން ހިންގާ މަސައްކަތަށް އެއްވެސް މަޑުޖެހުމެއް ނާންނާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ މިއަދު މެންދުރެއްހާއިރު މަޖީދީ މަހުގައި ހުންނަ ޔޫރޯ ސްޓޯރު ކުރިމަތިން ތިން ފުލުހަކަށް ހަމަލާދީ ޒަޚަމް ކޮށްލުމާއި ގުޅިގެން މިކަމުގައި ފުލުހުން އަމަލުކުރަމުންދާ ގޮތް ހާމަކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.

މިމައްސަލާގައި މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ދެ މީހަކު ގެންގޮސްފައެވެ.

ހަމަލާގާއި އަނިޔާ ލިބުނު ފުލުހުންނަށް ދަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ. ސީޕީ ވިދާޅުވީ ތިން ފުލުހުންނަށް ހަމަލާ ދީފައިވަނީ މާލޭގައި ހަރަކާތްތެރިވާ މަޝްހޫރު ގޭންގަކަށް ނިސްބަވާ ބަޔަކު ކަމަށެވެ. އަދި މިހަމަލާ ދީފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓްގެ ތިން ފުލުހަކު ރަސްމީ ޑިއުޓީ އަދާކުރަމުން ދަނިކޮށްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުންނަށް ހަމަލާ ދިން މީހުން ހަމަލާ ދީފައިވަނީ ހަތިޔާރު ބޭނުން ކޮށްގެންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮންބާވަތެއްގެ ހަތިޔާރެއްކަން އަދި އެކަމުގެ ތަފްސީލެއް ކޮމިޝަނަރ ދެއްވާފައި ނުވެއެވެ. މިހަލާގައި މިހާތަނަށް ދެމީހަކު ހައްޔަރު ކޮށްފައިވާއިރު، ހަމަލާއާއި ގުޅިގެން ހައްޔަރު ކުރަންޖެހޭ އެހެން ބަޔަކު ވާނަމަ އެބަޔަކުވެސް ހައްޔަރުކޮށް އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

މިފަދަ ނާތަހުޒީބު އަމަލުތަކުގެ ސަބަބުން ގޭންގުތަކާއި ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކާއި، މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަންތަކަށް މަޑުޖެހުމެއް ނާންނެކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.