ޚަބަރު

ހިޔާ ފްލެޓްގެ އެއްބަސްވުމުގެ ސޮއިކުރަން ފަހު ފުރުޞަތު ދީފި


ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް އެއްބަސްވުންތަކުގައި ސޮއިނުކުރާ ފަރާތްތައް މިމަހުގެ 29 ވަނަ ދުވަހުގެ ކުރިން އެއްބަސްވުމުގައި ސޮއިކުރުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އަންގައިފިއެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ މި މުއްދަތުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިނުކުރާނަމަ ފުލެޓު ލިބުމަށް ހޮވިފައިވާ ހޮވުން ބާތިލްވާނެކަމަށެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ފުލެޓު ލިބުނު ފަރާތްތަކަށް އެގްރީމަންޓް ކުރުމަށް ދެވުނު މުއްދަތުގައި އެގްރީމަންޓްގައި ސޮއިކުރުމަށް ހާޒިރުވެފައިނުވާ ފަރާތްތަކަށް އިތުރު ފުރުޞަތު ދިނުމާގުޅޭ ގޮތުން މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވަނީ ހިޔާ މަޝްރޫޢުގެ ދަށުން ޢިމާރާތް ކޮށްފައިވާ 6720 ފުލެޓު ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް ފުލެޓު އެގްރީމަންޓްގައި ސޮއިކުރުމުގެ ކަންކަން ނިންމުމަށް ވަރަށް ގިނަ ދުވަސްތަކެއް ދެވިފައިވާކަމަށެވެ.

އެހެންކަމުން މިހާތަނަށް އެޗް.ޑި.ސީ އާއެކު ފުލެޓު އެގްރީމަންޓްގައި ސޮއިކޮށްފައިނުވާ ފަރާތްތަކަށް އިތުރު ފުރުޞަތެއް ދިނުމަށްނިންމާފައިވާކަމަށް ޕްލޭނިން މިނިސްޓްރީގެ އިޢުލާނުގައިވެއެވެ. މި އިއުލާނުގައިވާގޮތުން މިހާތަނަށް 40 މީހުން އެއްބަސްވުމުގައި ސޮއިނުކޮށް އެބަތިއްބެވެ.

ހިޔާ ފްލެޓްތައް ހަވާލުކޮށްފައިވަނީ އެތަނުގެ ފިނިޝިންގެ ބައެއް މަސައްކަތްތައް ނުނިންމައެވެ. އެހެންކަމުން ފެލެޓްތައް ނިންމުމަށް ވަގުތުދީ އެތަނުން ކުލި ނަގަން ފަށާފައި ވަނީ މިއަހަރުގެ މާޗްމަހުން ފެށިގެންނެވެ. ހިޔާ ހައުސިން ޔުނިޓްތަކުގެ ކުލީގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ 7500 ރުފިޔާއެވެ. އަދި މެއިންޓަނަންސް ފީގެ ގޮތުގައި އިތުރު 1000 ރުފިޔާއާއެކު، ފްލެޓްތަކުގެ ވެރިން މަހަކު 8500 ރުފިޔާ އެޗް.ޑީ.ސީއަށް ދައްކަން ޖެހޭނެއެވެ.

މީގެ އިތުރުން ސަރުކާރުން ވަނީ ހިޔާ ފްލެތްތައް ލިބުނު މީޙުންގެ ތެރެއިން ސަރުކާރުން ބޯހިޔާވަހިކަމުގެ އެހެން މަޝްރޫޢުއަކާ ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުޞަތު ހުޅުވާލާފައެވެ.

ހިޔާގެ ފްލެޓްތަކުގައި ދިރިއުޅެމުން އަންނަ އާބާދީ 22000 މައްޗަށް މިހާރު ވަނީ އަރާފައެވެ. އަދި ހިޔާ ސަރަހައްދުގެ ހުރިހާ ފްލެޓެއްގައި މީހުން ދިރިއުޅެން ފެށުމުން ގާތްގަނޑަކަށް 35000 މީހުންގެ އާބާދީއެއް އޮންނާނެކަމަށް އެޗްޑީސީން އަންދާޒާކުރެއެވެ.

ހިޔާ ސަރަޙައްދަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް އެޗްޑީސީއާއި، ކަމާއި ގުޅުންހުރި ފަރާތްތައް މެދުވެރިވެގެން އަންނަނީ ކުރަމުންނެވެ. މިގޮތުން އެ ސަރަޙައްދުގައި މިސްކިތްތައް ބިނާކޮށްފައިވާއިރު މިހާރު ވަނީ ސްކޫލްްްއެއް އިމާރާތްކޮށް ކިޔަވައިދޭން ފަށާފައެވެ. އަދި ސިއްހީ ޚިދުމަތް ދިނުމަށްޓަކައި ކްލިނިކެއްވެސް ވަނީ ހަދާފައެވެ.