ޚަބަރު

ވެމްކޯގެ އެއްބަސްވުން އައު ނުކޮށްފިނަމަ 178 މީހުންގެ ވަޒީފާ ގެއްލިދާނެ


މާލެއާއި ވިލިމާލޭގެ މަގުތަކާއި، މައިޒާންތަކާއި، އާންމު ތަންތަން ސާފުކޮށް، ކުނި ކަހައި ބެލެހެއްޓުމަށް ވެމްކޯއާއެކު ވެފައިވާ އެއްބަސްވުން އައު ނުކޮށްފިނަމަ 178 ދިވެހީންގެ ވަޒީފާ ގެއްލުމުގެ ބިރުބޮޑުވެއްޖެއެވެ.

ސިޓީ ކައުންސިލުން ދާދިފަހުން ވަނީ ކުނި ކެހުމަށް ވެމްކޯއަށް މިހާރު އަހަރަކު ދެމުން އަންނަ 2.5 މިލިއަން ރުފިޔާއަށް ވުރެ ހެޔޮ އަގެއްގައި، އެކަން ކުރެވޭނެކަމަށް ވިދާޅުވެފައެވެ.

މާލެއާއި ވިލިމާލެ ކުނި ކަހާ ސާފު ކުރުމަށް ވެމްކޯއިން މުޅިންހެން ގެންގުޅެނީ ދިވެހި މުވައްޒަފުންނެވެ. އެގޮތުން މި މަސައްކަތުގައި ޖުމުލަ 178 މުވައްޒަފުން ހަރަކާތްތެރިވެއެވެ. އޭގެ ތެރެއިން 150 މީހުންނަކީ މާލެތެރެ ސާފުކޮށް ބަލަހައްޓާ މުވައްޒަފުންނެވެ. އަދި 28 މީހުން މަސައްކަތް ކުރަނީ ވިލިމާލޭގައެވެ. އޭގެ ތެރެއިން ފަސް މީހުން ނޫން އެންމެންނަކީ ވެސް އަންހެނުންނެވެ. އެ އަންހެނުންގެ ތެރޭގައި ވެސް ވެމްކޯއިން އިސްކަން ދީފައިވަނީ އެކަނިވެރި މައިންނާއި ވަޒީފާއެއް ނެތި ގޭގައި ތިބި އަންހެނުންނަށެވެ.

ނަމަވެސް މި މަސައްކަތަށް މާލެއިން 100 މީހުން އަދި ވިލިމާލެއިން 15 މީހަކު ހަމަޖެއްސުމަށް ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށް ވެމްކޯއިން ވިދާޅުވެއެވެ.

ވެމްކޯއިން ވިދާޅުވީ މާލޭ ކުނިކެހުމަށް ވެމްކޯއިން ގެންގުޅޭ ދިވެހީންނަށް 8،000 ރުފިޔާގެ މުސާރައެއް ދޭކަމަށެވެ. އަދި ވެމްކޯގެ ދާއިމީ މުވައްޒަފުންނަށް ދޭ ހުރިހާ އިނާޔަތެއް ދެއެވެ. މި މަސައްކަތް ކުރާ ދިވެހިންނަށް ސާފުކުރަން ދީފައިވާ ސަރަހައްދުތަކަކަކީ އެބަޔަކާ ވީހާވެސް ކައިރި ސަރަހައްދެކެވެ. އަދި އެ ސަރަހައްދެއް ސާފު ކުރުމުގެ މަސައްކަތް ކުރަން ފަށަނީ ރޭގަނޑު 9:00އިން ދަންވަންދެނެވެ.

މަސައްކަތް ކުރުމަށް ކައުންސިލުން ކޮންމެ މަހަކު ވެމްކޯއަށް 2.5 މިލިއަން ރުފިޔާ ޚަރަދުކުރާކަމަށާއި މިމަސައްކަތް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންކުރާނަމަ މިމަސައްކަތް 1.5 މިލިއަން ރުފިޔާއަށް ކުރެވޭނެކަމަށް ސިޓީ ކައުންސިލްގެ ބައްދަލުވުމުގައިވަނީ އަންދާޒާކޮށްފައެވެ. އެހެންކަމުން ވެމްކޯއާއެކު އެކުލަވާލާފައިވާ އެއްބަސްވުން އައުނުކުރުމަށް ސިޓީ ކައުންސިލުންވަނީ ނިންމާފައެވެ.

ސިޓީ ކައުންސިލްގެ ނިންމުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ވެމްކޯއިން ވިދާޅުވީ މާލެ ސިޓީ ކައުންސިލުން މުނިސިޕަލް ޚިދުމަތުގައި ހަރަކާތްތެރިވަނީ ބިދޭސީންކަން ފާހަގަކޮށްފައެވެ. މީގެއިތުރުން މުވައްޒަފުން ބެލެހެއްޓުމުގައި އަހަރަކު 12 މިލިއަން ރުފިޔާ ހުށައަޅާފައިވާއިރު މިފަދަ ބޮޑު ޚިދުމަތެއް ދިނުމުގައި މީގެއިތުރުން ހިނގާ ޚަރަދުތަކަށް ކައުންސިލުން ރިޢާޔަތްނުކުރާކަން ވެމްކޯއިން ފާހަގަކުރެއެވެ.

ސިޓީ ކައުންސިލުން ކުނި އުކުމަށް ބޭނުންކުރަން ހުށައަޅާފައިވާ އުޅަނދުތަކަކީ މިކަމަށް ތައްޔާރުކޮށްފައިވާ އުޅަނދުތަކަށްނުވުމުގެ ސަބަބުން ކުނި ނެގުމުގެ ޚަރަދު އިންތިހާއަށް ބޮޑުވާނެކަމަށް ވެމްކޯއިން ވިދާޅުވެއެވެ. އަދި ކައުންސިލުން ތިލަފުއްޓަށް ކުނި ގެންދާނަމަ އެއީވެސް އިތުރު ޚަރަދެއްކަންވެސް ވެމްކޯއިންވަނީ ފާހަގަކޮށްފައެވެ.

ވެމްކޯއަކީ މާލޭގައި ކުނި މެނޭޖްކުރުމަށް 2017ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ. މީގެދަށުން މާލޭގެ ގޭބިސީތަކުން އުފެދޭ ކުނި ނަގާ ނައްތާލުމަކީ ވެމްކޯގެ ޒިންމާއެކެވެ. އެހެންނަމަވެސް ޢާއްމު ތަންތަނުން ކުނި ނަގާ ސާފުކުރުމަކީ މާލެ ސިޓީ ކައުންސިލްއަށް މަތިކޮށްފައިވާ ޒިންމާއެވެ. މިގޮތަށް ހުންނަ ތަންތަން ސާފުކޮށް ކުނި ނެގުމަށް މާލެ ސިޓީއާއެކު ވެމްކޯއިންވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ.