ކުޅިވަރު

އޭޝިއަން ކަޕް: ލަންކާއިން ހަވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފި


އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) އިން ބާއްވާ އޭޝިއާ ކަޕް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ސްރީ ލަންކާއިން ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ލަންކާ ހޯދީ އާދީއްތަ ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި ޕާކިސްތާނު ބަލިކޮށްގެންނެވެ. ދުބާއީގައި ކުޅުނު މި ފައިނަލް މެޗް ސްރީލަންކާއިން ކާމިޔާބުކުރީ 23 ލަނޑުންނެެވެ.

މެޗްގެ ޓޮސް ދިމާވެގެން ޕާކިސްތާނުން ބޭނުންވީ އެންމެ ފުރަތަމަ ފީލްޑް ކުރާށެވެ. އެހެންކަމުން ސްރީލަންކާއިން އެންމެ ފުރަތަމަ ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 170 ލަނޑެވެ. މި އިނިންގްސްގައި ސްރީލަންކާ ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ ނުބައިނުވެ 71 ލަނޑު ހެދި ބަނޫކާ ރާޖަޕަކްސައެވެ. މީގެއިތުރުން ވަނިންދޫ ހަސަރަންގާވަނީ 36 ލަނޑު ހަދާފައެވެ.

ޕާކިސްތާން ޓީމުން އެންމެ ރަނގަޅަށް އުކާފަވަނީ ހަތަރު އޯވަރު 29 ލަނޑަށް ތިން ވިކެޓް ނެގި ހަރިސް ރައުފްއެވެ. ޖަވާބުގައި ޕާކިސްތާނުން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 147 ލަނޑެވެ. މިއީނިންގްސްގައި ޕާކިސްތާން ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 55 ލަނޑު ހެދި މުހަންމަދު ރިޒްވާންއެވެ. އަދި އިފްތިކާރު އަހްމަދު ވަނީ 32 ލަނޑު ހަދާފައެވެ. ސްރީލަންކާ ޓީމުން އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 34 ލަނޑަށް ހަތަރު ވިކެޓް ނެގި ޕްރަމޯދް މަޑުޝާން އާއި ހަތަރު އޯވަރު 27 ލަނޑަށް ތިން ވިކެތް ނެގި ހަސަރަންގާއެވެ.

މިއީ މިފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗްގައި އަފްޣާނިސްތާން އަތުން ބަލިވި ސްރީލަންކާއަށް ލިބިގެންދިޔަ ވަރަށް ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ. އަދި މިއީ އޭޝިއާ ކަޕްގެ ތަށި ސްރީލަންކާއިން އުފުލާލި ހަވަނަ ފަހަރެވެ. މިމުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ އިންޑިއާއިންވަނީ ހަތް ފަހަރު މިމުބާރާތް ކާމިޔާބުކޮށްފައެވެ.