ޚަބަރު

ދަފުތަރު ނިމުމުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޢިނާޔަތް ބޮޑުކޮށްދޭނަން: ރައީސް


ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރު އެކުލަވާލުމަށް މިހާރު ކުރިއަށްދާ މަަސައްކަތް ނިމުމާއެކު ސަރުކާރުން އެމީހުންނަށް ދޭ ޢިނާޔަތް، ބޮޑުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ ޢިނާޔަތެއްގެ ގޮތުގައި ސަރުކާރުން މިހާރު ދެމުންގެންދަނީ 2000 ރުފިޔާއެވެ.

ހައްދުންމަތީ ގަމުގައި މިއަދު ނިމިގެންދިޔަ ވިއަވެތި ކޮންފަރެންސް ނިންމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށް، ބޭނުންވާ ޢިނާޔަތްތައް ހަމަޖެއްސުމަކީ ސަރުކާރުން އަބަދުވެސް ވަރަށްބޮޑު އިސްކަމެއްދެއްވާ ކަމެއްކަމަށެވެ.

މިނިޒާމުވެސް އިތުރަށް ހަރުދަނާ ކުރެވެން އޮތީ ކައުންސިލްތަކާއި، އަންހެނުންގެ ކޮމެޓީތަކުގެ ދައުރުވެސް އޮވެގެންކަން ފާހަގަކުރައްވައި ރައީސްވަނީ ކައުންސިލްތަކުގެ އެއްބާރުލުން، އިޖުތިމާއީ ރައްކާތެރިކަން ގާއިމް ކުރުމުގައި ވީހާވެސް ބޮޑަކަށް ދެއްވުމަށް އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެމުންދާ އިނާޔަތް ބޮޑުކުރުމަށްޓަކައި، މިހާރު ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާކަމަށެވެ. އެ ނިންމުމާއެކީގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްދޭ އެލަވަންސް ބޮޑުކޮށްދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ސަރުކާރުންދޭ ޢިނާޔަތްތައް ބޮޑުކުރަންޖެހޭކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްދިވްސްއިންވެސްވަނީ ފާހަގަކުރައްވާފައެވެ. އަދި އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކޮމިޝަނުން ވަނީ ގެނެސްފައެވެ.

މިފަދަ އިނާޔަތްތަކަށް އެދޭ މީހުންގެ ދިރިއުޅުމުގެ އެންމެ އަސާސީ ކަންކަން މިހާރު ދެމުންދާ އެހީގެ ދަށުން ފުރިހަމަ ނުކުރެވޭކަމަށް އެޗްއާރްސީއެމުންވަނީ ފާހަގަކުރައްވާފައެވެ. ރާއްޖޭގައި 36000އަށްވުރެ ގިނަ މީހުން ނުކުޅެދުންތެރިކަން ތަޙައްމަލް ކުރަމުން އަންނަކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން މިފަރާތްތަކަށް މިހާރު ދެމުން އަންނަނީ 2000 ރުފިޔާގެ ޢިނާޔަތެކެވެ.