ދުނިޔޭގެ ވިޔަފާރި

އިނގިރޭސިވިލާތުގެ އިޤްތިސާދީ ދުވެލި ހަލުއިވި މިންވަރު ދަށްވެއްޖެ


އިނގިރޭސިވިލާތުގެ އިޤްތިޞާދީ ދުވެލި ހަލުއިވީ މިންވަރު ޖުލައި މަހު ލަފާކުރި ވަރަށްވުރެ ދަށްވެއްޖެއެވެ.

ޖުލައި މަހު އިނގިރޭސިވިލާތުގެ އިގްތިސާދީ ދުވެލި ހަލުއިވެފައިވައި ވަނީ %0.2 އަށެވެ. މިއީ ދިރާސާކުރާ ފަރާތްތަކުން ލަފާކޮށްފައިވާ %0.3އަށް ވުރެ ދަށް ޢަދަދެކެވެ. އިނގިރޭސިވިލާތުގެ ރަސްމީ ހިސާބުތަކުން ދައްކާގޮތުގައި ޖުލައި މަހުގެ އިގްތސާދީ ދުވެލި ހަލުއިވެފައި އޭގެ ކުރީމަހު ވަރަށްބޮޑަށް ދަށަށް ދިއުމަށްފަހުގައެވެ.

އިނގިރޭސިވިލާތުގެ އޮފީސް ފޯ ނޭޝަނަލް ސްޓެޓިސްޓިކްސް އިން ބުނިގޮތުގައި އިގްތިސާދީ ދުވެލި ހަލުއި ވުމަށް އެންމެ ބޮޑު އެއްބާރުލުމެއް ލިބުނީ ހިދުމަތުގެ ދާއިރާއިންނެވެ.

މި މަހުގެ 9ވަނަ ދުވަހު އިނގިރޭސިވިލާތުގެ ރާނީއެލިޒަބަތު ދޭއް އަވަހާރުވުމާއި ގުޅިގެން ދެ ދުވަސް ބަންދުވުމުން އެ ގައުމުގައި އުފައްދާ ހުރިހާ މުދަލާއި ހިދުމަތެއް މިންކުރާ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް، ޖީޑީޕީ ޖޫން މަހު ވަނީ %0.6 ވެއްޓިފައެވެ.

ދިރާސާކުރާ ފަރާތްތަކުން ލަފާކުރާގޮތުގައި ރާނީ އަވަހާރަވުމާއި ގުޅިގެން ބޭންކުން ދެ ދުވަސް ބަންދުކުރުމާއި، ގައުމީ ހިތާމައިގައި 10 ދުވަހުގެ ސަބަބުން އިނގިރޭސިވިލާތުގެ އިގްތިސާދަށް އަސަރުކޮށް ލަފާކޮށްފައިވާ މުއްދަތައްވުރެ އަވަހަށް އެ ގައުމު ރިސެޝަނަކަށް ހިނގައިދާނެއެވެ.

މި އަހަރު ނިމޭއިރު އިނގިރޭސިވިލާތުގެ އިގްތިސާދު ރިސެޝަނަކަށް ވެއްޓިދާނެ ކަމަށް މިދިޔަ މަހު އެ ގައުމުގެ މަރުކަޒީ ބޭންކުން ވަނީ ލަފާކޮށްފައެވެ.

ރިސެޝަނެއް އައުން މެދުވެރިވާނީ ވިދިވިދިގެން ދެ ކުއާޓަރުގައި އުފެއްދުންތައް މަދުވުމުންނެވެ. އިނގިރޭސިވިލާތުގެ އިގްތިސާދު އޭޕްރީލް މަހާއި ޖޫން މަހާއި ދެމެދު ވަނީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު %0.1 ދަށްވެފައެވެ.

ޖުލައި މަހުގެ އިގްތިސާދީ ދުވެލި ހަލުއިވުމަށް އެހީތެރިވެދިނީ އިނގިރޭސިވިލާތުން ކާމިޔާބުކުރި ވިމެންސް ޔޫރޯ ޗެމްޕިއަންޝިޕް އާއި ކޮމަންވެލްތު ގޭމްސްއެވެ. އަދި ސެކަންޑް ހެންޑް ކާރުގެ ވިޔަފާރި ވެސް ވަނީ ވަރުގަދަވެފައެވެ. ނަމަވެސް ވޭތުވެދިޔަ ހަތަރު ގަރުނުގެ ތެރޭގައިވެސް ނުދާ މިންވަރަށް އިނގިރޭސިވިލާތުގެ ޖުލައި މަހުގެ އިންފްލޭޝަން ވަނީ މަތިވެފައެވެ. އެ ގައުމުގެ ޖުލައި މަހުގެ އިންފްލޭޝަން %10.1 އަށް މައްޗަޖެހުނުއިރު، ތަކެތީގެ އަގު އުފުލުމުގެ ސަބަބުން އާންމުން ޚަރަދުކުރާ މިންވަރަށް ވަނީ ޕްރެޝަރާއި ކުރިމަތިލާން ޖެހިފައެވެ.

އޯއެންއެސް އިން ބުނީ މިދިޔަ މެއި މަހާއި ޖުލައި މަހާއި ދެމެދު އިގްތިސާދީ ކުރިއެރުން ހުރީ އޭގެ ކުރީ ތިން މަހާ އަޅާބަލާއިރު އެއްވަރެއްގައި ކަމަށެވެ.

އުފެއްދުންތެރިކަމާއި އަދި އިމާރާތްކުރުމުގެ ދާއިރާގެ ވިޔަފާރި ވެސް ޖުލައި މަހު ވަނީ ދަށްވެފައެވެ. އުފެއްދުމަށް ގެއްލުންވީ ކަރަންޓް ފަދަ ހަކަތައަށް އޮތް ޑިމާންޑް ދަށްވުމުންނެވެ.

އެކައުންޓެންސީ ކުންފުނި ޕީޑަބްލިއުސީގެ އިކޮނޮމިސްޓް ޖޭކް ފިނީ ވިދާޅުވީ ޖުލައި މަހު އިގްތިސާދީ ދުވެލި ހަލުއިވީ ނަމަވެސް މިހާރު ލަފާކުރާ ގޮތުގައި ޖުލައި އާއި ސެޕްޓެމްބަރު މަހާއި ދެމެދުގެ ތިން ވަނަ ކުއާޓަރުގައި އިގްތިސާދީ ދުވެލި މަޑުޖެހޭނެއެވެ.