ދުނިޔޭގެ ވިޔަފާރި

ސްޓާބަކްސްއަށް ފައިދާވާނެކަމަށް ލަފާކޮށްފި


ކުރިއަށްއޮތް 3 އަހަރު ތެރޭގައި ހިއްސާއަކަށް %15 އާއި %20 އާއި ދެމެދުގެ ފައިދާއެއް ވާނެކަމަށް ދުނިޔޭގެ އެންމެ ބޮޑު ކޮފީހައުސް ޗެއިން ކަމަށްވާ އެމެރިކާގެ ކުންފުނި ސްޓާބަކްސް ކޯޕަރޭޝަނުން ލަފާކޮށްފިއެވެ.

ސީއެޓްއެލްގައި ހުންނަ އެ ކުންފުނިން ލަފާކުރާ ގޮތުގައި 2023 އިން 2025 އަށް ހިއްސާ ގަތުމާއި ޑިވިޑެންޑް މެދުވެރިކޮށް އިންވެސްޓަރުންނަށް 20 ބިލިއަން އެމެރިކާ ޑޮލަރު ލިބޭނެއެވެ. ކެފޭތަކަށް ލިބޭ އޯޑަރުތަކަށް އަވަހަށް ޚިދުމަތް ދިނުމަށާއި، މުވައްޒަފުންގެ މަސައްކަތުގެ ހާލަތު ރަނގަޅު ކުރުމުގެ އިތުރުން ކުންފުނީގެ މަގުބޫލުވަމުން އަންނަ ފިނި ބުއިންތައް އުފެއްދުން އަވަސްކޮށް، އޯޑަރުތައް ޑިޖިޓަލްކޮށް ނެގޭނެ ގޮތް ހަމަޖެއްސުމަށް ސްޓާބަކްސް އަންނަނީ އާ ޓެކްނޮލޮޖީއެއް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިހާރު ލިބޭ ހުރިހާ އޯޑަރެއްގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ހިމެނޭ ޑިޖިޓަލް އޯޑަރުތައް އިތުރުވުމުން ކޯވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރުކޮފީ ޗެއިންއަށް މާކެޓް ހިއްސާ ވަނީ އިތުރުވެފައެވެ. ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން މޯބައިލް އަދި ޑެލިވަރީ އޯޑަރުތައް ވަނީ އިތުރުވެފައެވެ. ފިނި ބުއިންތަކާއި ކަސްޓަމައިޒް ކޮށްފައިވާ ކޮފީ ބުއިންތައް އޯޑަރުކުރާ މިންވަރުވެސް އިތުރުވިއެވެ.

2025 ވަނަ އަހަރުގެ މާލީއަހަރު ނިމޭއިރު 45000 ފިހާރައިގައި އެމީހުން ޚިދުމަތް ފޯރުކޮށްދިނުމަށް ސްޓާބަކްސްއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޗައިނާގައި ފިހާރަތަކުގެ އަދަދު ގާތްގަނޑަކަށް 9000 އަށް އިތުރުކޮށް ނުވަތަ ގާތްގަނޑަކަށް ކޮންމެ ނުވަ ގަޑިއިރަކުން އެއް އާ ފިހާރަ ހުޅުވަންވެސް ސްޓާބަކްސްއިން ވަނީ ރާވާފައެވެ.