ދުނިޔޭގެ ވިޔަފާރި

ކެތޭ ޕެސިފިކް އިން ފަސެންޖަރުންގެ ޖާގަ އިތުރުވާނެކަމަށް ލަފާކޮށްފި


ކްރޫއިން ކަރަންޓީނުވާން ނުޖެހޭގޮތަށް ހެދުމުން ހޮންކޮންގްގެ ކެތޭ ޕެސިފިކްގެ ފަސެންޖަރުންގެ ޖާގަ ކޯވިޑް ޢާލަމީވަބާގެ ކުރިން އޮތް މިންވަރުގެ ތިންބައިކުޅަ އެއްބަޔަށް އަރާނެކަމަށް އެ އެއާލައިނުން ލަފާކޮށްފިއެވެ.

ހޮންކޮންގުން މިދިޔަ ހަފްތާގައިވަނީ ފަސިންޖަރުން ދަތުރުކުރާ ފްލައިޓްތަކުގައި ދަތުރުކުރާ ކްރޫއިން އެނބުރި ގައުމަށް ދިއުމުން ތިން ދުވަސް ވަންދެން ހޮޓަލެއްގައި ކަރަންޓީން ކުރަން ޖެހޭ އުސޫލު ނިމުމަކަށް ގެންނާނެކަމަށް އިއުލާންކޮށްފައެވެ.

އޮގަސްޓް މަހު އެ އެއާލައިންގެ ފަސިންޖަރުންގެ ކެޕޭސިޓީ ހުރީ 2019ވަނަ އަހަރުގެ އެމަހުގެ އެންމެ %16އަށް ކަމަށްވާއިރު، އަހަރު ނިމޭއިރު އެ މިންވަރު ދެގުނައަށް އިތުރުވާނެ ކަމަށް އެއާލައިނުން ލަފާކުރެއެވެ.

ކެތޭ އިން އޮގަސްޓް މަހު ޕްރީ ޕެންޑެމިކް ކާގޯ ކެޕޭސިޓީގެ %59ވަނީ އޮޕަރޭޓްކޮށްފައެވެ. އަދި އަހަރު ނިމޭއިރު 2019ވަނަ އަހަރުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކާގޯ ކެޕޭސިޓީއަށް އަރާނެ ކަމަށްވެސް އެއާލައިނުން ލަފާކުރެއެވެ.

ހޮންކޮންގް އޭވިއޭޝަން ހަބްގެ ނެޓްވޯކް ކަނެކްޓިވިޓީ ހަރުދަނާ ކުރުމަށް ކުރެވެން އޮތްހާ އަވަހަކަށް އިތުރު ފްލައިޓްތައް އިތުރު ކުރަމުން ގެންދާނެ ކަމަށާއި މިކަމަށް އަދި ވަގުތު ނަގާނެ ކަމަށް ކެތޭގެ ޗީފް ކަސްޓަމަރ އެންޑް ކޮމާޝަލް އޮފިސަރު ރޮނާލްޑް ލަމް ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އޭނާ އިތުރަށް ވިދާޅުވިގޮތުގައި ބަލިމަޑުކަމުގެ ތެރޭގައި އެއާލައިނަށް އާމްދަނީގެ ބޮޑުބައެއް ހިއްސާކޮށްފައިވާ ކާގޯއަށް ޕީކް ހޫނު މޫސުމުގެ މަސްތަކުގައި ޑިމާންޑު ވަނީ ދަށްވެފައެވެ.

އިންފްލޭޝަން މައްޗަށް ދިއުމާއި އާއި ޗައިނާގެ ޒީރޯ ކޯވިޑް ސިޔާސަތުތަކުގެ ސަބަބުން މިއަހަރުގެ ޕީކް ކާގޯ ސީޒަން މިދިޔަ އަހަރަށް ވުރެ ބަލިކަށިވެދާނެ މި މަހުގެ ކުރީކޮޅު އެއާލައިނުން ވަނީ ބުނެފައެވެ.