ޚަބަރު

ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މުހިއްމު ގައިޑްލައިންތަކެއް ނެރެފި


ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މުހިއްމު ގައިޑްލައިންތަކެއް ހެލްތު މިނިސްޓްރީގެ ފަރާތުން ނެރެފިއެވެ. މި ގައިޑްލައިންތައް ނެރެފައިވަނީ "ވޯލްޑް ޕޭޝަންޓް ސޭފްޓީ ޑޭ" ފާހަގަކުރުމުގެގޮތުން ބޭއްވި ޖަލްސާގައެވެ.

"ވޯލްޑް ޕޭޝަންޓް ސޭފްޓީ ޑޭ" ނުވަތަ ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ދުވަސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރުމަހުގެ 17 ވަނަ ދުވަހެވެ.

މިއަހަރުގެ މި ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "މެޑިކޭޝަން ސޭފްޓީ - މެޑިކޭޝަން ވިތައުޓް ހާމް" ނުވަތަ ބޭސް ބޭނުން ކުރުމުގައި ސަމާލުކަންދޭންވީ ކަންކަމާމެދު އާއްމުން ހޭލުންތެރިކުރުވުމަށެވެ. ހެލްތު މިނިސްޓްރީން ވިދާޅުވީ، 2019 ގެ ދުނިޔޭގެ ތަފާސްހިސާބަށް ބަލާއިރު ކޮންމެ 10 ބަލިމީހަކުން އެކަކަށް ފަރުވާ ލިބުމުގެ ތެރޭގައި ގެއްލުމެއް ލިބިފައިވާކަމަށެވެ. އެހެންކަމުން ޞިއްޙީ ފަރުވާ ދޭ ފަރާތްތަކުން ބަލިމީހާއަށް ބޭސްބޭނުންކުރަންވާގޮތް ރަނގަޅަށް ކިޔައިދިނުން މުހިއްމުކަމަށެވެ.

ރާއްޖޭގައި މި ދުވަސް ފާހަގަކުރުމުގެގޮތުން ހެލްތު މިނިސްޓްރީން ބޭއްވި ޚާއްސަ ޖަލްސާގައި ބަލިމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާގުޅޭ މުހިއްމު ގައިޑްލައިންތަކެއް ވަނީ ނެރެފައެވެ. އެގޮތުން އެ މިނިސްޓްރީން އަލަށް އެކުލަވާލި 3 ގައިޑްލައިނެއް ނެރެފައިވެއެވެ. އެއީ، ނެޝެނަލް ގައިޑްލައިން އޮން އެންޓިނޭޓަލް އެންޑް ޕޯސްޓްނޭޓަލް ކެއަރ އިން މޯލްޑިވްސް، ނެޝެނަލް އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް ގައިޑްލައިން އަދި ހޮސްޕިޓަލް އެކުއަރޑް އިންފެކްޝަން އެންޑް ޕްރިވެންޝަން ގައިޑްލައިނެވެ.


މީގެ އިތުރުން މޯލްޑިވްސް ހެލްތުކެއަރ ކޮލިޓީ ސްޓޭންޑަޑްސްގެ ޑިޖިޓަލް ޕްލެޓްފޯމުވެސް ވަނީ އިފްތިތާޙްކޮށްފައެވެ. މި މަސައްކަތްތަކަކީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިޔު.އެޗް.އޯގެ އެހީތެރިކަމާއެކު ކުރެވިފައިވާ މަސައްކަތްތަކެއްކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އަލަށް އެކުލަވާލެވުނު މި ގައިޑްލައިންތަކަކީ ފަރުވާ ހޯދާ ފަރާތްތަކަށް ލިބިގެންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާ ފަރުވާލިބުމުގެ ތެރޭގައި ލިބޭ ގެއްލުން މަދުކުރުމަށް އެޅިގެންދާނެ އިތުރު ބިންގަލެއްކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

ބަލިމީހާއަށް ލިބެންޖެހޭ ރައްކާތެރިކަން ނުލިބުމުގެ ސަބަބުން މުޅި ދުނިޔޭގެ ނިސްބަތުން އަހަރަކު 134 މިލިއަން މީހުންނަށް އެކިކަހަލަ ގެއްލުންތައް ލިބެމުންދާއިރު މީގެ ތެރެއިން 2.6 މިލިއަން މީހުން މަދު އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ޤައުމުތަކުން ކޮންމެ އަހަރަކު މަރުވަމުންދެއެވެ.