ދުނިޔޭގެ ވިޔަފާރި

ޑެޓް ޑީފޯލްޓު ނުވާނެކަމަށް ޕާކިސްތާނުން ބުނެފި


ފެންބޮޑުވި ނަމަވެސް ލޯނު ދައްކަންޖެހޭ ވަގުތު ފާއިތުވެ ނުދަނީސް ލޯނު ދެއްކޭނެ ކަމަށާއި ޑެޓް ޑީފޯލްޓު ނުވާނެ ކަމަށް ޕާކިސްތާނުގެ މާލީ ވަޒީރު މިފްތާހު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފެންބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގެ 33 މިލިއަން މީހުންނަށް ވަނީ އަސަރުކޮށްފައެވެ. އަދި އެތައް ބިލިއަން ޑޮލަރުގެ ގެއްލުން ލިބި 1500 ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މިއާއއެކު ޕާކިސްތާނުން ނަގާފައިވާ ދަރަނިތައް ނުދެއްކޭނެ ކަމުގެ ކަންބޮޑުވުންވެސް އުފެދުނެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފް ގެ ލޯނު ޕްރޮގްރާމެއް އަލުން ޕާކިސްތާނަށް ލިބުނީ ގިނަ ދުވަސްތަކަކަށްފަހުއެވެ.

މި ކާރިސާއާ އެކުވެސް އިސްމާއިލް ވިދާޅުވީ ސްޓެބިލައިޒޭޝަންގެ ގިނަ ސިޔާސަތުތަކާއި އަމާޒުތައް އަދިވެސް އޮތީ މަގުމައްޗަށް ކަމަށާއި އޭގެ ތެރޭގައި ކުޑަވަމުން އަންނަ ބޭރު ފައިސާގެ ރިޒާވް އިތުރުކުރުން ހިމެނޭ ކަމަށެވެ.

މަރުކަޒީ ބޭންކުގެ ރިޒާވްގައި ހުރީ 8.6 ބިލިއަން އެމެރިކާ ޑޮލަރެވެ. އޮގަސްޓް މަހުގެ ފަހުކޮޅު އައިއެމްއެފްގެ ފަންޑުން 1.12 ބިލިއަން އެމެރިކާ ޑޮލަރު ޕާކިސްތާނަށް ވަނީ ލިބިފައެވެ. އެއީ ގާތްގަނޑަކަށް މަހެއްހާ ދުވަސް ވަންދެން އިމްޕޯޓް ކުރުމަށް ފުދޭވަރުގެ ފައިސާއެކެވެ. އަހަރު ނިމުމުގެ އަމާޒަކީ 2.2 މަސް ދުވަހަށް ބަފަރު އިތުރުކުރުމެވެ.

އިސްމާއީލް ވިދާޅުވިގޮތުގައި ޕާކިސްތާނަށް ފެންބޮޑުވުމުގެ ސަބަބުން ކަރަންޓް އެކައުންޓުގެ ބެލެންސަށް 4 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ލިބުނު ނަމަވެސް، އަދިވެސް 4 ބިލިއަން އެމެރިކާ ޑޮލަރާ ހަމައަށް ރިޒާވް އިތުރުކުރެވޭނެ ގާބިލުކަން އެ ގައުމަށް ލިބިގެންވެއެވެ. ނަމަވެސް ފެންބޮޑުވުމާއި ގުޅިގެން ޕާކިސްތާނުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 2 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ އިތުރު ނުވާނެ ކަމަށް އޭނާ އަންދާޒާ ކުރެއްވައެވެ.

އިސްމާއީލް އިތުރަށް ވިދާޅުވި ގޮތުގައި އުދައެރުމަށް ފަހު އިގްތިސާދަށް މަދުވެގެން 18 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށާއި އެ ގެއްލުން 30 ބިލިއަން އެމެރިކާ ޑޮލަރާ ހަމައަށްވެސް ހިނގައިދާނެ ކަމަށެވެ. ޕާކިސްތާނާ މެދު ދުނިޔޭގެ ބާޒާރުތައް ވަނީ ކަންބޮޑުވެފައިކަމަށްވެސް އިސްމާއީލް ވިދާޅުވިއެވެ.

ޕާކިސްތާނަށް މިހާރު ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ހާދިސާތަކުގައި ލިބިފައިވާ އިޤްތިޞާދީ ގެއްލުމުގެ އަގު 10 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް އެ ޤައުމުގެ ޕްލޭނިންގ މިނިސްޓަރ އަޙުސަން އިޤުބާލު މީގެކުރިން ވަނީ ވިދާޅުވެފައެވެ. ޕާކިސްތާނުގެ ސަރަޙައްދުތަކަށް ކޮށްފައިވާ މޫސުމީ ވިއްސާރައިގައި އެ ޤައުމުގެ އުތުރާއި ދެކުނުގެ ގިނަ ސަރަޙައްދުތަކެއްގައި ވަނީ ފެން ބޮޑުވެފައެވެ.