ޚަބަރު

އޮލިމްޕަހުގެ މަސައްކަތް ނިމި ހުޅުވޭނެކަމަށް ލަފާކުރެވެނީ އަންނަ މަހު: ޔުމްނާ


އޮލިމްޕަސް މަރާމާތުކޮށް ޒަމާނީ ކުރުމަށް ކުރިއަށްގެންދާ މަސައްކަތް ނިންމައި ހުޅުވޭނެކަމަށް ލަފާ ކުރެވެނީ އަންނަ މަހުގެ ނިޔަލަށް ކަމުގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

އޮލިމްޕަސް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ކުރިއަށް ގެންގޮސްފައިވަނީ އިމާރާތް މަރާމާތުކޮށް، ގެންނަންޖެހޭ ބޮޑެތި ބަދަލުތައް ގެނައުމުގެ މަސައްކަތެވެ. މި މަސައްކަތްތައް މިހާރުވަނީ ނިމިފައެވެ. އެގޮތުން ޓިކެޓް ކައުންޓަރަށް ބަދަލުގެނައުމާއި، ކޮރިޑޯއާއި އަދި އިމާރާތުގެ ބޭރަށްވެސް ބަދަލު ގެނެސްފައިވެއެވެ. އޮލިމްބަހގެ މަސައްކަތް މިމަހުގެ ތެެރޭގައި ނިންމުމަށް ކުރިން މިނިސްޓްރީން ވަނީ އަމާޒު ހިފާފައެވެ.

އޮލިމްޕަހުގެ މަސައްކަތް ނިންމޭނެ ތާރީހަކާއި، މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން މަޑަވެލި ދާއިރާގެ މެމްބަރު ހުސެިން ފިރުޝާން ލިޔުމުން ޖަވާބު ހޯދުމަށް މިނިސްޓަރ ޔުމްނާއިއާއި ކުރެއްވި ސުވާލުގައި މިނިސްޓަރ ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތްތައް ނިންމައި އޮލިމްޕަސް އަންނަ މަހުގެ ނިޔަލަށް ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އޮލިމްޕަހުގައި ހިންގާ ހަރަކާތްތައް އިޝްތިހާރުކޮށް އެތަނުގެ ގޭޓް މަތީގައި ލެޑް ޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށެވެ. މީގެ އިތުރުން ޑާންސް ޕްރެކްޓިސް ރޫމްތަކުގައި ރިހި ބިއްލޫރި ޖެހުމުގެ މަސައްކަތްވެސް މިހާރު ކުރެވެމުންދާކަމަށެވެ. މިމަސައްކަތްތަކުގެ އޮތުރުން އޮލިމްޕަހަށް ބޭނުންވާ ސައުންޑް އަދި ލައިޓް ހޯދުމަށް މަޝްވަރާކުރެވި ބިޑަށް ފޮނުވުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޮލިމްޕަހުގެ ޚިދުމަތް ނުފެށުމަކީ ދިވެހި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެވެސް ބޮޑު ކަންބޮޑުވުމެކެވެ. އޮލިމްޕަހަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ޒަމާންވީ އަދި އެންމެ ބޮޑު ސިނަމާއެވެ. 1959 ހުޅުވި އޮލިމްޕަހުގައި އެންމެ ފުރަތަމަ ދައްކަން ފެށީ ހިންދީ ފިލްމާއި އިނގިރޭސި ފިލްމްތަކެވެ. ދިވެހި ފިލްމް ދައްކަން ފެށީ 1980ވަނަ އަހަރުން ފެށިގެންނެވެ.