ކުޅިވަރު

ބާސާއަށް މިދިޔަ އަހަރު 86 މިލިޔަން ޕައުންޑުގެ ފައިދާއެއް


ފަހަކަށް އައިސް މާލީ ގިނަ މައްސަލަ ތަކަކާއި ކުރިމަތިވެފައިވާ ސްޕެނިޝް ލަލީގާގެ އެފްސީ ބާސެލޯނާއަށް މިދިޔަ މާލީ އަހަރު ފައިދާގެ ގޮތުގައި 86 މިލިއަން ޕައުންޑް ލިބިފައިވާކަމަށް އެ ކްލަބުން ހާމަކޮށްފިއެވެ.

އަންނަ އަހަރު ފައިދާގެ ގޮތުގައި 240 މިލިއަން ޕައުންޑް ލިބޭނެކަމަށްވެސް އެ ކްލަބުން އަންދާޒާކުރެއެވެ. މީގެ ކުރީ ސީޒަންގައި 422 މިލިއަން ޕައުންޑް ގެއްލުން ވެފައިވުމުގެ ސަބަބުން މިފަހަރުގެ ސީޒަން ފެށުނުއިރު ކުޅުންތެރިން ރަޖިސްޓަރ ކުރުމުގައި ބާސާއަށް ގިނަ މައްސަލަ ތަކަކާއި ކުރިމަތިވެފައިވިއެވެ. މިގޮތުން އެ ކްލަބަށް ގެނައި ގިނަ ކުޅުންތެރިން ރަޖިސްޓަރ ކޮށްފައިވަނީ ގިނަ ގޮތްގޮތުން ހަރަދު ކުޑަކޮށް އަދި ކްލަބާއި ގުޅޭ ބައެއް ތައްތަން ވިއްކައިގެން ފައިދާ ހުރިކަމަށް ދައްކައިގެންނެވެ.

ބާސާއިން ހާމަކުރިގޮތުގައި 2021-2022 ވަނަ މާލީ އަހަރު އެކްލަބަށް ވަނީ 890 މިލިއަން ޕައުންޑް ލިބިގެން ގޮސްފައެވެ. ބާސާއަށް ކުރިމަތިވި މާލީ ދަތިކަމާ ހެދި އެޓީމްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ލިއޮނެލް މެސީ ދޫކޮށްލަން ޖެހުނު އިރު މިސީޒަންގައި އެޓީމަށް ސޮއިކުރި މުހިންމު ބައެއް ކުޅުންތެރިން ކަމަށްވާ ރޮބަޓް ލެވަންޑޯސްކީ އާއި ރަފީނިއާ ރަޖިސްޓަރ ކުރެވޭގޮތްވީ ތަންކޮޅެއް ލަހުންނެވެ.

ބާސާއިން މި ކުޅުންތެރިން ސޮއިކުރުމަށްޓަކައި ވަނީ އެ ކްލަބްގެ ކުރިއަށްއޮތް ތަނުގެ ޓެލެވިޜަން ރައިޓްސް އާއި މީޑިއާ ޕްރޮޑަކްޝަން ޔުނިޓް ކަމަށްވާ ބާސާ ސްޓޫޑިއޯގެ ބައެއް ހިއްސާ ވިއްކާލާފައެވެ. މިދިޔަ މަހު ބާސާ ސްޓޫޑިއޯގެ 24.5 އިންސައްތަ ހިއްސާ 100 މިލިއަން ޔޫރޯއަށް އޯފިއަސް މީޑިއާ އަށް ވަނީ ވިއްކާލާފައެވެ.

މިސީޒަނަށް ޓީމް ވަރުގަދަކޮށްފައިވާ ބާސާއިން މިވަގުތު އުޅެނީ ލަލީގާގައި މިހާތަނަށް ކުޅުނު 6 މެޗުން ލިބިފައިވި 16 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އެއީ އެއްވަނައިގާ އުޅޭ އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ.