ކުޅިވަރު

އެކުވެރިކަމުގެ ޓީ20 މެޗުގައި ޕާކިސްތާން އަތުން އިންގްލަންޑަށް މޮޅެއް


ޕާކިސްތާނަށް މިހާރު ޒިޔާރަތް ކުރަމުންދާ އިންގްލަންޑް ކްރިކެޓް ޓީމާއި ޕާކިސްތާންގެ ޓީމާއި ދެމެދު ކުޅުނު ފުރަތަމަ މެޗް އިންގްލަންޑް ކާމިޔާބުކޮށްފިއެވެ.

ޓީ ޓުވެންޓީގެ މި މެޗް އިންގްލަންޑް ކާމިޔާބު ކޮށްފައިވަނީ ހަ ވިކެޓުންނެވެ. ވޭތުވެދިޔަ 17 އަހަރުގެ ތެރޭގައި އިންގަަންޑުން ޕާކިސްތާނުގައި ކުޅުނު ފުރަތަމަ މެޗްގައި ޓޮސް ދިމާވެގެން އިންގްލަންޑުން ބޭނުންވީ ފުރަތަމަ ފީލްޑް ކުރާށެވެ.

ކަރާޗީގެ ނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި އެންމެ ފުރަތަމަ ކުޅެން އަރާ ޕާކިސްތާނަށް 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 158 ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 68 ލަނޑު ހަދާދިން މުހަންމަދު ރިޒްވާނެވެ. އަދި އިފްތިކާރު އަހްމަދު ވަނީ 28 ލަނޑު އެޓީމަށް ހަދާދީފައެވެ. މި އިނިންގްސްގައި އިންގްލަންޑް ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 24 ލަނޑަށް ތިން ވިކެޓް ނެގި ލޫކް ވުޑްއެވެ.

މިއީ އޭނާ އިންގްލަންޑް ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. އަދި އާދިލް ރާޝިދުވަނީ ހަތަރު އޯވަރު 27 ލަނޑަށް ދެވިކެޓް ނަގާދީފައެވެ. ޖަވާބުގައި އިންގްލަންޑުން ކުޅެން އަރާ 19 އޯވަރު ދެ ބޯޅައަށް ހަތަރު ކުޅުންތެރިން ނުބައިވެގެންވަނީ 160 ލަނޑު ހަމަކޮށް މެޗް ކާމިޔާބުކޮށްފައެވެ.

އިންގްލަންޑް ޓީމަށް އެންމެ ރަނގަޅަށް ކުޅެފައިވަނީ 53 ލަނޑު ހަދާދިން އެލެކްްސް ހޭލްސްއެވެ. މީގެއިތުރުން ހެރީ ބްރޫކްސްވަނީ ނުބައިނުވެ 42 ލަނޑު ހަދާފައެވެ. ޕާކިސްތާން ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ ހަތަރު އޯވަރު 36 ލަނޑަށް 2 ވިކެޓް ނަގާދިން އުސްމާން ގާދިރެވެ.

އިންގްލަންޑުން އެންމެފަހުން ޕާކިސްތާނުގައި މެޗެއް ކުޅެފައިވަނީ 2005 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކުޅުނު އެއް ދުވަހުގެ އިންޓަރނޭޝަނަލް ޓުއަރއެވެ. އަދި 2009 ވަނަ އަހަރު ޕާކިސްތާނަށް ޒިޔާރަތް ކުރަމުންދަ ސްރީލަންކާ ޓީމްގެ ބަހަށް ހަތިޔާރު އެޅި ބަޔަކު ހަމަލާ ދިން ފަހުން ހަ އަހަރު ވަންދެން އެއްވެސް ޓީމެއް ޕާކިސްތާނަށް ޒިޔާރަތް ކޮށްފައެއް ނުވެއެވެ.

ޓީމްތައް ފަހުން އެނބުރި އަންނަން ފަށާފައިވަނީ 2015 ވަނަ އަހަރަށް ފަހުއެެވެ. އިންގްލަންޑައި ޕާކިސްތާންގެ މެދުގައި ކުޅޭ ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.