ރާއްޖޭގައި އުފެދުނު އެންމެ މޮޅު ބޮޑީބޯޑަރު އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ) ޑްރޮޕް-ނީ ކެޓެގަރީން ދުނިޔޭގެ 12 ވަނައިގައި ރޭންކުކުރިއިރު، ޒުވާން ބޮޑީބޯޑަރު އާމިން އުމަރު މޫސާ ޖޫނިއާ ކެޓެގަރީން ތިންވަނައިގައި ރޭންކުކޮށްފިއެވެ.
އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ގެ ދުނިޔޭގެ ރޭންކިންގައި ރާއްޖޭގެ ދެ ބޮޑީބޯޑަރުން ހިމެނިފައި މިވަނީ ދާދި ފަހުން ރާއްޖޭގައި ބޭއްވި ވިޒިޓް މޯލްޑިވްސް ޕްރޯ ބޮޑީބޯޑިން މުބާރާތުގައި މި ދެ ބޮޑީބޯޑަރުން ރަނގަޅު ކުރިއެރުމެއް ހޯދާފައިވަތީއެވެ.
އިއްޔެ ނެރުނު ރޭންކިންގައި ކުޑަ އައްޔަ ދުނިޔޭގެ 12 ވަނައިގައި ރޭންކު ކޮށްފައިވާއިރު، އެއީ މި އަހަރުގެ ފައިނަލް ރޭންކިންއެވެ. މިއީ ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީބޯޑަރުގެ ކެރިއަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.
ކުޑަ އައްޔަ ވަނީ ވިޒިޓް މޯލްޑިވްސް ޕްރޯގެ ޑްރޮޕް ނީ ކެޓަގަރީގެ ސެމީ ފައިނަލުގައި ވާދަކޮށްފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އައިބީސީ މުބާރާތެއްގެ ސީނިއާ ކެޓަގަރީގެ ސެމީ ފައިނަލުގައި ރާއްޖޭގެ ބޮޑީބޯޑަރަކު ވާދަކުރި ފުރަތަމަ ފަހަރެވެ.
ދުނިޔޭގެ ޖޫނިއާ ރޭންކިންގްގެ ތިންވަނައިގައި އޮތް ރާއްޖޭގެ އާމިން ވަނީ ވިޒިޓް މޯލްޑިވްސް ޕްރޯގެ ފައިނަލުގައި ވާދަކޮށްފައެވެ. މިއީ ރާއްޖޭގެ ބޮޑީބޯޑަރަކު އައިބީސީ މުބާރާތެއްގެ ފައިނަލުގައި ވާދަކުރި ފުރަތަމަ ފަހަރެވެ.
ޖޫނިއާ ރޭންކިން މިއަހަރަށް ފައިނަލް ވާނީ އަންނަ މަހު ބާއްވާ އައިބީސީ އިވެންޓަށް ފަހުގައެވެ. އެއީ އޮކްޓޯބަރު މަހު 15-30 އަށް ކެނަރީ އައިލެންޑްގައި ފްރޮންޓޮން ކިންގްއަށް ފަހުއެވެ. އެ މުބާރާތުގައި ވާދަކޮށް ރަނގަޅު ކުރިއެރުމެއް ހޯދައިފިނަމަ އާމިންއަށް ދުނިޔޭގެ ރޭންކިންގައި ކުރިއަށް ދެވޭނެއެވެ.
އެ މުބާރާތުން އާމިންއަށް ފުރުސަތު ހޯދައިދޭން މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.