ދުނިޔޭގެ ވިޔަފާރި

ސްރީލަންކާގެ އިންފްލޭޝަން ރެކޯޑު މިންވަރަކަށް މައްޗަށް


ލަންކާގެ ކޮންސިއުމަރ އިންފްލޭޝަން އޯގަސްޓް މަހު %70.2 މަތިވެއްޖެކަމަށް ލަންކާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ލަންކާގެ ޑިޕާޓްމަންޓް އޮފް ސެންސަސް އެންޑް ސްޓެޓިސްޓިކްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޖުލައި މަހު ނެޝަނަލް ކޮންސިއުމަރ ޕްރައިސް އިންޑެކްސް، އެންސީޕީއައި މިދިޔަ މަހާއި އޭގެ ކުރީ އަހަރާ އަޅާބަލާއިރު ވަނީ %70.2 އިތުރުވެފައެވެ.

ކާބޯތަކެތީގެ އަގު %84.6 މައްޗަށް އުފުލިފައިވާއިރު، ކާބޯތަކެތީ ނޫން ތަކެތީގެ އަގު ވަނީ %57.1 މައްޗަށް އުފުލިފައެވެ. ލަންކާގެ މަރުކަޒީ ބޭންކް، ސީބީއެސްއެލް އިން މިދިޔަ އޮގަސްޓް މަހު ބުނެފައިވާ ގޮތުން އެގައުމުގ އިގްތިސާދު އިންފްލޭޝަން ރޭޓް ގާތްގަނޑަކަށް 70% އަށް މަތިވުމަށްފަހު އމެދުމިނަށް ދާނެއެވެ.

ކޮންމެ މަހެއްގެ ފަހުކޮޅު އާންމުކުރާ ކޮލަމްބޯ ކޮންސިއުމަރ ޕްރައިސް އިންޑެކްސް، ސީސީޕީއައި އަށް ބަލާއިރު ލަންކާގެ އިންފްލޭޝަން މަތިވެފައިވަނީ %64.3 އަށް އަށެވެ.

ލަންކާގެ އިގްތިސާދީ ދުވެލި މީގެ އަހަރެއްހާ ދުވަސް ކުރިން ޖޫން މަހުގެ ނިޔަލަށް ވަނީ %8.4 އަށް މަޑުވެފައެވެ. އެއީ އޭގެ ކުރީގެ ތިންމަހާއި އަޅާބަލާއިރު އެ ގައުމުގެ އިގްތިސާދު އެންމެ ދަށަށް ދިޔަ ފަހަރެވެ. އަދި އެއީ ތެލާއި އެހެނިހެން ތަކެތީގެ ދަތިކަންވެސް ލަންކާއަށް ކުރިމަތިވެފައިވާ ދަނޑިވަޅެކެވެ.

"ސެޕްޓެމްބަރު މަހުން ފެށިގެން އިންފްލޭޝަން ދަށްވާނެ ކަމަށް ބެލެވެނީ،" ކޮލަމްބޯގައި ހުންނަ އިންވެސްޓްމަންޓް ކުންފުނި ފަސްޓް ކެޕިޓަލްގެ ހެޑް އޮފް ރިސާޗް ޑިމަންތާ މަތީން ވިދާޅުވިއެވެ. އެހެން ނަމަވެސް އިންފްލޭޝަން މެދުމިނަށް ދިއުމުގެ ފުރުސަތު އޮތީ 2023 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެކަނި ކަމަށް މަތީން ވިދާޅުވިއެވެ.

އިގްތިސާދީ ގޮތުން އޮތް ދޯހަޅި ސިޔާސަތުތަކާއި ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ޑޮލަރުގެ ދަތިކަން ކުރިމަތިވެ، ލަންކާއަށް ވަނީ މީގެކުރިން ދިމާނުވާ ފަދަ ބޮޑު އިގްތިސާދީ ކާރިޘާއަކާއި ކުރިމަތިލާން ޖެހިފައެވެ. މިކަމުގެ ސަބަބުން ކާބޯތަކެއްޗާއި ތެލާއި ބޭސް ފަދަ ޒަރޫރީ ތަކެއްޗަށް ފައިސާ ދެއްކުން ވަނީ ދަތިވެފައެވެ.

ކާރިޘާއިން އަރައިގަތުމަށް ލަންކާއިން އަންނަނީ އެކި ގައުމުތަކުގެ އެހީއަށް އެދެމުންނެވެ. މިގޮތުން މި މަހުގެ ކުރީކޮޅު އިންޓަނޭޝަނަލް

މަނިޓަރީ ފަންޑް، އައިއެމްއެފް އާއިއެކު 2.9 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު އެހީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.