ދުނިޔޭގެ ވިޔަފާރި

އިންޑިއާއި އިނގިރޭސިވިލާތުން ވިޔަފާރީގެ އެއްބަސްވުމަކަށް


އިންޑިއާއާއި އިނގިރޭސިވިލާތާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމަށް ނިންމައިފިއެވެ.

ދެ ގައުމުގެ ދެމެދުގައި އެއްބަސްވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި އަންނަމަހު ސޮއިކުރާނެކަމަށް ބެލެވޭކަމަށް ރިޕޯޓުތައް ބުނެއެވެ. މި އެއްބަސްވުމުގައި ޖޮއިންޓް ވެންޗާތަކާއި ބައިލޭޓަރަލް އިންވެސްޓްމަންޓްތައް ކުރިއެރުވޭނެކަމަށްވެސް ބައިލެޓަރަލް ޓްރޭޑް ޕްރޮމޯޓްކުރާ އިދާރާގެ ވެރިޔާ ވަނީ ވިދާލުވެފައެވެ.

އިނގިރޭސިވިލާތުގެ އިންޑިއާ ބިޒްނަސް ކައުންސިލް، ޔޫކޭބީސީގެ އެގްޒެކެޓިވް ޗެއާ ރިޗާޑް ހީލްޑް ވިދާޅުވީ ސިޔާސީ ލީޑަރުން ކުރިން ވެސް ހުއްދަ ދީފައިވާތީ މި އެއްބަސްވުމުގެ މަސައްކަތް އަންނަ އޮކްޓޯބަރުމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލެވޭތޯ އަންނަނީ މަސައްކަތްކުރަމުންނެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި މަހުގެ ކުރީކޮޅު ވަނީ އިނގިރޭސިވިލާތުގެ ކައުންޓަރޕާޓް ލިޒް ޓްރަސްއާ ފޯނުން ވާހަކަ ދައްކަވައި، އިންޑިއާ އާއި އިނގިރޭސިވިލާތުގެ ގުޅުން ހުރިހާ ދާއިރާއެއްގައިވެސް އިތުރަށް ހަރުދަނާ ކުރުމާއި ބެހޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ.

އިންޑިއާގެ ކިޔަވާކުދިންނަށާއި ވިޔަފާރިތަކަށް އިތުރު ވިސާ ދޭން އިނގިރޭސިވިލާތުން މަސައްކަތްކުރާއިރު، ލެދަ އާއި ޓެކްސްޓައިލް އަދި ޖަވާހިރު އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ މިންވަރު އިތުރުވާނެކަމަށް އިންޑިއާއިން ލަފާކުރެއެވެ.

އިންޑިއާއިން އިނގިރޭސިވިލާތަށް މުދާ އެކްސްޕޯޓްކުރި މިންވަރު %28 އަށް ވުރެ މައްޗަށް ގޮސް 2021/22 ވަނަ މާލީ އަހަރު ނިމުނުއިރު 10.5 ބިލިއަން އެމެރިކާ ޑޮލަރަށް ވަނީ އަރާފައެވެ. އިމްޕޯޓްކުރި މުދާ ވަނީ 7 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައެވެ.

2030 ވަނަ އަހަރުގެ ނިޔަލަށް ދެ ގައުމުގެ ވިޔަފާރި ދެގުނައަށް އިތުރުކޮށް 100 ބިލިއަން އެމެރިކާ ޑޮލަރަށް ގެނައުމަށް އަމާޒު ހިފާފައިވާ ވިޔަފާރީގެ އެއްބަސްވުމަށް ދެ ގައުމުން ވެސް ވަނީ މިއަހަރުގެ ޖެނުއަރީމަހު މަޝްވަރާތައް ފަށާފައެވެ.

ވިޔަފާރިއާ ގުޅޭގޮތުން ދެ ގައުމަށް ވެސް އެހީތެރިކަން ފޯރުކޮށްދޭ ޔޫކޭބީސީން ލަފާކުރާ ގޮތުގައި މި އެއްބަސްވުމުން ވިޔަފާރި ނޫން ހުރަސްތައްވެސް ހައްލުކޮށް، ވިޔަފާރި ކުރުމަށް ފަސޭހަވުމުގެ އިތުރުން ޑޭޓާ ޕްރޮޓެކްޝަންގެ މައްސަލަތަކަށްވެސް ހައްލެއް ލިބޭނެއެވެ.

އިންޑިއާގެ ލީޑިން ކުންފުނިތަކުން މިހާރުވެސް އިނގިރޭސިވިލާތުގައި ރިސާޗް އެންޑް ޑިޒައިން ފެސިލިޓީތައް އަންނަނީ ގާއިމް ކުރަމުންނެވެ. ޚާއްސަކޮށް އިލެކްޓްރިކް ވެހިކަލްތަކަށް ބެޓެރީ އުފެއްދުމަށާއި ސިއްހީ ހިދުމަތް ފަދަ އެހެން ދާއިރާތަކުގައި އަމިއްލަ ޓެކްނޮލޮޖީތައް ތަރައްގީ ކުރުމަށްވެސް މަސައްކަތްކުރަމުންދާ ކަމަށް ޔޫކޭއައިބީސީން ބުނެއެވެ.