އޭޝިއާގެ ގައުމުތަކުގެ އިގްތިސާދީ ދުވެލި މިއަހަރާއި އަންނަ އަހަރުވެސް މަޑުވާނެކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭޑީބީން ބުނެފިއެވެ.
އޭޑީބީން މިގޮތަށް ލަފާކުރީ ޤައުމުތަކުގެ މަރުކަޒީ ބޭންކުތަކުން ތަންފީޒު ކުރަމުންދާ ހަރުކަށި ފިޔަވަޅުތަކާއި، ރަޝިއާ ޔޫކްރެއިން ހަނގުރާމަ އަދި ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ޗައިނާއިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ތަރައްގީވަމުން އަންނަ އޭޝިއާގެ ގައުމުތަކުގެ އިގްތިސާދަށް އަސަރުކުރާނެތީއެވެ.
އިންޑިއާއާއި ޗައިނާވެސް ހިމެނޭ އޭޝިއާގެ ތަރައްޤީ ވަމުން އަންނަ ސަރަހައްދުގެ އިޤްތިޞާދީ ދުވެލި މި އަހަރު ހަލުއި ވާނީ %4.3 އަށް ކަމަށް އޭޑީބީން ލަފާކުރެއެވެ. މި ގައުމުތަކުގެ އިގްތިސާދީ ދުވެލި ހަލުއި ވާނީ 4.6% އަށް ކަމަށް މީގެކުރިން ޖުލައިމަހު އޭޑީބީން ވަނީ ލަފާކޮށްފައެވެ.
އޭޕްރިލްމަހު ލަފާކޮށްފައިވަނީ %5.2 އަށް އިގްތިސާދީ ދުވެލި ހަލުއިވާނެ ކަމަށެވެ. އަދި އޭޝިއާގެ ތަރައްޤީވަމުން އަންނަ ސަރަހައްދުގެ އިޤްތިޞާދީ ދުވެލި، އަންނަ އަހަރު ހަލުއި ވާނީ %4.9 އަށް ކަމަށް މިހާރު އޭޑީބީން ވަނީ ލަފާކޮށްފައެވެ. އަންނަ އަހަރުގެ އިގްތިސާދީ ދުވެލި ހަލުއި ވާނެކަމަށް ޖުލައި މަހު ލަފާކޮށްފައިވަނީ %5.2 އެވެ. އޭޕްރިލް މަހު ލަފާކޮށްފައި ވަނީ 5.3% އަށް ހަލުއި ވާނެ ކަމަށެވެ.
އޭޑީބީގެ ޗީފް އިކޮނޮމިސްޓް އެލްބަރޓް ޕާކް ވިދާޅުވާ ގޮތުގައި ދުނިޔޭގެ ފެންވަރުގައި އިޤްތިޞާދީ ދުވެލި މަޑުޖެހެމުން ދިއުމުގެ ނޭދެވޭ އަސަރު، އޭޝިއާގެ ތަރައްޤީ ވަމުން އަންނަ ސަރަހައްދުތަކަށް އިންތިހާއަށް ފޯރާނެކަމަށެވެ.
އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ވަރުގަދަ އިޤްތިޞާދު އޮންނަ ޗައިނާގެ އިޤްތިޞާދީ ދުވެލި މިއަހަރު ހަލުއިވާނެ މިންވަރު އޭޑީބީ އިން ވަނީ ދަށްކޮށްފައެވެ. އެގޮތުން އެ ގައުމުގެ އިގްތިސާދީ ދުވެލި މިއަހަރު ހަލުއި ވާނީ 3.3% އަށް ކަމަށް އޭޑީބީ އިން ވަނީ ލަފާކޮށްފައެވެ. ޗައިނާގެ އިގްތިސާދީ ދުވެލި މަޑުވާނެ ކަމަށް އޭޑީބީ އިން ލަފާކުރީ ޗައިނާއިން ގުންގުޅޭ ޒީރޯ ކޯވިޑުގެ ހަރުކަށި އުސޫލުގެ ސަބަބުންނެވެ. ޗައިނާގެ އިގްތިސާދު އަންނަ އަހަރު ހަލުއި ވާނީ %4.5 އަށް ކަމަށްވެސް އޭޑީބީއިން ވަނީ ލަފާކޮށްފައެވެ. މި އަދަދު މީގެކުރިން ހުރީ 4.8 ގައެވެ.
އޭޝިއާގެ ތަރައްޤީ ވަމުން އަންނަ ސަރަހައްދުގެ ވަކިވަކި ސަރަހައްދުތަކަށް ބަލާއިރު، ދެކުނު އޭޝިއާ ސަރަހައްދުގެ އިޤްތިޞާދީ ދުވެލި ހަލުއި ވާނީ 6.5% އަށް ކަމަށް އޭޑީބީން ލަފާކުރެއެވެ.
ކާބޯތަކެތީގެ ލިބުން ދަތިވެ އަގު އުފުލުމާއި ހަކަތައިގެ އަގު އުފުލުމުގެ ސަބަބުން އޭޝިއާގެ ތަރައްޤީވަމުން އަންނަ ސަރަހައްދުގެ އިންފްލޭޝަން ރޭޓްވެސް މަތިވާނެކަމަށް އޭޑީބީން ވަނީ ލަފާކޮށްފައެވެ.