މުޅި ޔޫރޯ ޒޯނުގެ ވިޔަފާރި ސެޕްޓެމްބަރު މަހު ދަށްވެ، އާންމުން ޚަރަދު ކުރާ މިންވަރު ކޮންޓްރޯލުކުރުމުގެ ސަބަބުން ޔޫރޯ ޒޯން ރިސެޝަނަކަށް ދިއުން ވަރަށް ގާތް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ގޭހުގެ އަގު ބޮޑުތަނުން އުފުލި އުފެއްދުންތެރިކަމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އަދި ފައިސާ ފަހަށް ރައްކާ ކުރުމުގެ ގޮތުން ގިނަ ބަޔަކު ގޭގައި ތިބުމުގެ ސަބަބުން ޚިދުމަތުގެ ސިނާއަތަށްވެސް ވަނީ ގެއްލުންވެފައެވެ.
އެސް އެންޑް ޕީ ގްލޯބަލްގެ ފްލެޝް ކޮމްޕޮޒިޓް ޕާޗޭސިން މެނޭޖާސް އިންޑެކްސް، ޕީއެމްއައި ވަނީ 48.9 ޕޮއިންޓުން 48.2 އަށް ވެއްޓިފައެވެ. މިއީ ރޮއިޓާސްގެ ޕޯލުންވެސް ލަފާކުރި މިންވަރެވެ.
މިމަހުގެ ކުރީކޮޅު ރޮއިޓާސް އިން ކުރި ދިރާސާއިން ދައްކާ ގޮތުގައި އަހަރެއްހާ ދުވަހުގެ ތެރޭގައި ޔޫރޯ ޒޯން ރިސެޝަނަކަށް ދިއުމުގެ %60 ފުރުސަތު އެބައޮތެވެ.
ޖަރުމަނުވިލާތުގެ ވިޔަފާރިތައް ދަށްވެ، ހަކަތައަށް ކުރާ ޚަރަދު އިތުރުވުމުން ޔޫރަޕްގެ އެންމެ ބޮޑު އިގްތިސާދު އޮންނަ ޖަރުމަނުވިލާތުގެ އިގްތިސާދަށް ވަނީ އަސަރުކޮށްފައެވެ. ޖަރުމަނުވިލާތުގެ ޖީޑީޕީ ތިންވަނަ ކުއާޓަރުގައި ދަށަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ފްރާންސްގެ އިގްތިސާދީ ދުވެލި ކުޑަކޮށް ހަލުއިވެފައިވާތީ، ކުރިއަށް އޮތް ކުއާޓަރުތަކުގައި ޖަރުމަނުވިލާތުގެ އިގްތިސާދީ ދުވެލި މަޑުވާނެ ކަމަށްވަނީ ލަފާކޮށްފައެވެ.
ފްރާންސްގެ ވިޔަފާރި ހީކުރި ވަރަށް ވުރެ ރަނގަޅުވި ނަމަވެސް ޔޫރޯ ޒޯނުގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު އޮންނަ ފްރާންސްގެ ޕީއެމްއައި ދައްކާ ގޮތުން އެ ގައުމު އަދިވެސް އަންނަނީ އިގްތިސާދީ ދަތިތަކާއި ކުރިމަތިލަމުންނެވެ. އުފެއްދުންތެރިކަމުގެ ސިނާއަތާއި ޚިދުމަތް ދިނުމުގެ ސިނާއަތް އަދިވެސް ދަތިކަމުން އަރައެއް ނުގަނެވެއެވެ.
ޔޫރަޕިއަން ޔޫނިއަން އިން ބޭރުގައި އޮންނަ އިނގިރޭސިވިލާތުގައިވެސް ތަކެތީގެ އަގު އުފުލި ޑިމާންޑު ދަށްވުމުގެ ސަބަބުން ކުންފުނިތަކަށް ގެއްލުންވެ ރިސެޝަންގެ ނުރައްކާ އިނގިރޭސިވިލާތުގައިވެސް ވަނީ ބޮޑުވެފައެވެ. އިގްތިސާދީ ދުވެލު ހަލުއިކުރުމުގެ ގޮތުން އިނގިރޭސިވިލާތުގެ އާ ފިނޭންސް މިނިސްޓަރު ވަނީ ޓެކްސް ނަގާ މިންވަރު ދަށްކޮށްފައެވެ.