ދުނިޔޭގެ ވިޔަފާރި

ހަކަތައިން ނަގާ ޓެކްސް ކަނޑާލަން ވިއެޓްނާމުން ނިންމައިފި


އިންފްލޭޝަން ކޮންޓްރޯލްކުރުމަށް ހަކަތައިން ނަގާ ޓެކްސް ކަނޑާލަން ނިންމުމުގެ ގޮތުން ގާނޫނުހަދާ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ވިއެޓްނާމްގެ މާލީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ވިއެޓްނާމުން މިގޮތަށް ނިންމާފައި މިވަނީ މިހަފްތާގައި މަރުކަޒީ ބޭންކުން ޕޮލިސީ ރޭޓް މަތިކުރުމަށް ނިންމުމާއި، މާޗް މަހުން ފެށިގެން ތެލުން ނަގާ ޓެކްސްތައް މީގެކުރިން ކަނޑަން ފަށާފައި އޮއްވައެވެ. މި ޓެކްސްތަކުގެ ތެރޭގައި ތިމާވެށީގެ ޓެކްސްވެސް ހިމެނެއެވެ.

ހަކަތައިގެ ޓެކްސް ކަނޑާލުމަށް މާލީ ވުޒާރާއިން ވަނީ ދެ ހުށަހެޅުމެއް މަޖިލިހަށް ހުށަހަޅާފައެވެ. އެއް ހުށަހެޅުމަކީ ސްޕެޝަލް ކޮންސަމްޕްޝަން ޓެކްސް %50އަށް ކުޑަކުރުމާއި ވެލިއު އެޑެޑް ޓެކްސް %20އަށް ކުޑަކުރުމެވެ. އަނެއް ހުށަހެޅުމަކީ ދެ ޓެކްސްވެސް %50އަށް ކުޑަކުރުން ކަމުގައި ވިއެޓްނާމްގެ މާލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެ ވުޒާރާއިން ބުނި ގޮތުގައި ނޮވެމްބަރު މަހުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަށް ޓެކްސް ނެގުން 312.24 އެމެރިކާ ޑޮލަރުން 514.77 މިލިއަން އެމެރިކާ ޑޮލަރަށް މަދުވާނެ ކަމަށާއި އަދި އެވްރެޖް ކޮންސިއުމަރ ޕްރައިސް އިންޑެކްސް 0.1 ޕަސެންޓުން 0.15 ޕަސެންޓަށް ދަށްވާނެއެވެ.

ސަރަހައްދީ އުފެއްދުންތެރިކަމުގެ މަރުކަޒެއް ކަމަށްވާ ވިއެޓްނާމުގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ގޮރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް، ޖީޑީޕީ ވަނީ %7.72އަށް އިތުރުވެފައެވެ. ނަމަވެސް މުޅި ދުނިޔޭގައި ކާބޯތަކެއްޗާއި ހަކަތައިގެ އަގުތައް މައްޗަށް ދިއުމާއެކު އެގައުމުގެ ގިނަ އަވަށްޓެރި ގައުމުތަކެކޭ އެއްފަދައިން ވިއެޓްނާމްގައިވެސް އިންފްލޭޝަންގެ ޕްރެޝަރު ބޮޑުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.