ދުނިޔޭގެ ވިޔަފާރި

އިޤްތިޞާދީ ކާރިޘާއަށްފަހު ލުބުނާންގެ ބޭންކުތައް ބަންދުކޮށްފި


ލުބުނާނަށް ދިމާވި އިޤްތިޞާދީ ކާރިޘާއަށްފަހު އެ ޤައުމުގެ ބޭންކުތައް މުއްދަތެއް ނެތްގޮތަށް ބަންދުކުރަން ނިންމާފައިވާކަމަށް ލުބުނާނުގެ ބޭންކްތަކުގެ އެސޯސިއޭޝަނުން ހާމަކޮށްފިއެވެ.

އެ އެސޯސިއޭޝަނުން ބުނިގޮތުގައި ބޭންކުތައް ބަންދުކުރަން ނިންމީ، ބޭންކުތަކުގައި ފްރީޒް ކޮށްފައިހުރި ސޭވިންގ އެކައުންޓްތަކުގައި ހުރި ފައިސާ ނަގަން ބޭންކުތަކަށް ކަސްޓަމަރުން ވަދެފައިވާއިރު އެމީހުންނަށް އެއްވެސް ރައްކާތެރިކަމެއް ނެތުމުގެ ސަބަބުންނެވެ. އަދި މިކަމުގެ ސަބަބުން ބޭންކުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ނުރައްކާ އޮތްކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

ބޭންކުތައް ބަންދުކުރަން ނިންމާފައިވާއިރު، އަންހެނަކު ވަނީ ކުޅޭކުޅޭ ބަޑިއެއް ހިފައިގެން މެޑިކަލް ބިލްތަކަށް ފައިސާ ދައްކަންކަމަށް ބުނެ ބޭންކަށް ވަދެފައެވެ. މި ހާދިސާއާއެކު ހުކުރު ދުވަހާހަމައަށް މީގެ ގާތްގަޑަކަށް 5 ހާދިސާ ހިނގާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ބަޑި ހިފައިގެން އާންމުން ބޭންކުތަކަށް ވަދެ އެކައުންޓުގައި ހުރި އަމިއްލަ ފައިސާތައް ނަގަން ބޭނުންވާކަމަށް ބުނެ ޑިމާންޑްކޮށްފައިވާ އިރު، މީގެ ތެރޭގައި ހިމެނެނީ މީގެ ކުރިން އެއްވެސް ކަހަލަ ކުށުގެ ރެކޯޑެއް ނެތް އާންމުން ކަމަށްވެއެވެ. އަދި މިފަދަ އަމަލުތައް އެމީހުން ހިންގަނީ ބިލްތަކަށް ފައިސާ ނުދެއްކިގެން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

2019ވަނަ އަހަރު ލުބުނާނަށް ކުރިމަތިވި މާލީ ދަތިކަމުގެ ސަބަބުން އެތައް މިލިއަން ރައްޔިތުންނެއްގެ އެކައުންޓު ވަނީ ބަންދުކޮށްފައެވެ. ލުބުނާންގެ ފައިސާގެ އަގު %90، ވެއްޓިފައިވާއިރު، ތިންބައިކުޅަ އެއްބައި މީހުންނަށްވުރެ ގިނަ މީހުން ވަނީ ފަގީރުކަމަށް ހުށަހެޅިފައެވެ. އަދި ޒަރޫރީ ބޭނުންތައް ފުއްދޭނެ ފަދަވެސް ގިނަބަޔަކު އަތުގައި ނެތެވެ.

2019ވަނަ އަހަރުން ފެށިގެން ލުބުނާނުގެ ބޭންކުތަކުން ވަނީ ޑޮލަރު ނެގޭ މިންވަރު ހިފަހައްޓާފައެވެ. އަދި މިގޮތަށް ނިންމާފައިވަނީ އެ ގައުމުގެ ޕައުންޑުގެ އަގު ވެއްޓި ލުބުނާންގެ އިންފްލޭޝަން ވަރަށް ބޮޑަށް މަތިވުމާ ގުޅިގެންނެވެ.