ރަޝިޔާއިން ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދީ ދުވެލި މަޑުޖެހޭނެ ކަމަށް މީގެކުރިން ލަފާކުރި މިންވަރަށްވުރެވެސް މިހާރު ދަށްވެފައިވާއިރު، ހަކަތައިގެ އަގު އުފުލުމާއި އިންފްލޭޝަން އަކީ ބޮޑެތި ގައުމުތަކުގެ އިގްތިސާދު ރިސެޝަނަށް ހުށަހެޅުމުގެ މައިގަނޑު ސަބަބުތައް ކަމުގައި އޮގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް. އޯއީސީޑީން ބުނެފިއެވެ.
މިއަހަރު ދުނިޔޭގެ އިގްތިސާދީ ދުވެލި %3.0 އަށް ހަލުއިވާނެކަމަށް މީގެކުރިން ލަފާކޮށްފައިވީނަމަވެސް މިދިޔަ ޖޫން މަހު މިއަދަދު ވަނީ %2.8 އަށް ދަށްކޮށްފައިކަމަށް އޯއީސީޑީން ބުނެއެވެ.
އަންނަ އަހަރު ދުނިޔޭގެ އުފެއްދުންތެރިކަން އޯއީސީޑީން މީގެކުރިން ލަފާކޮށްފައިވާ މިންވަރަށްވުރެ 2.8 ޓްރިލިއަން އެމެރިކާ ޑޮލަރަށް ދަށްވާނެއެވެ.އަދި މިއީ ދުނިޔޭގެ ފެންވަރަށް ބަލާއިރު ބޮޑު ގެއްލުމެއް ކަމަށްވެސް އޯއީސީޑީން ބުނެއެވެ.
އޯއީސީޑީން ލަފާކުރި ގޮތުގައި ޔޫރޯޒޯންގެ އިގްތިސާދީ ދުވެލި މިއަހަރު %3.1އަށް މަޑުވާނެ ކަމަށާއި އަންނަ އަހަރު %0.3 އަށް މަޑުވާނެއެވެ. މީގެ މާނައަކީ ޔޫރޯ ބޭނުންކުރާ ގައުމުތަކުން އަހަރުގެ ކޮންމެވެސް ހިސާބެއްގައި ރިސެޝަން ތަޖުރިބާކުރާނެއެވެ. އަދި އެއީ އަންނަ އަހަރު ޔޫރޯޒޯންގެ އިގްތިސާދީ ދުވެލި ހަލުއިވާނެ ކަމަށް ޖޫން މަހު އޯއީސީޑީން ޖޫންމަހު ލަފާކުރި މިންވަރަށް ވުރެ މާ ދަށް އަދަދެކެވެ. ޔޫރޯޒޯންގެ އިގްތިސާދީ ދުވެލި ހަލުއިވާނެކަމަށް އޯއީސީޑީން އެފަހަރު ލަފާކޮށްފައިވަނީ %1.6 އެވެ.
ރަޝިޔާގެ ގޭހަށް ބަރޯސާވެފައިވާ ޖަރުމަނުވިލާތުގެ އިގްތިސާދާ މެދު އޯއީސީޑީން ކަންބޮޑުވެ، ޖަރުމަނުވިލާތުގެ އިގްތިސާދީ ދުވެލި އަންނަ އަހަރު %0.7 އަށް ދަށްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ހަކަތަ ފޯރުކޮށްދިނުމަށް އިތުރަށް ބުރޫއަރާނަމަ، އިގްތިސާދީ ދުވެއްޔަށް އަސަރުކޮށް އިފްލޭޝަން މަތިވެ ގިނަ ގައުމުތައް ރިސެޝަނަކަށް ވެއްޓިދާނެ ކަމަށް އޯއީސީޑީން ވަނީ ބުނެފައެވެ. އޯއީސީޑީން ލަފާކޮށްފައިވާ ގޮތުގައި ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދުކަމަށްވާ އެމެރިކާގެ އިގްތިސާދީ ދުވެލި މިއަހަރު %1.5 އަށް ހަލުއިވާނެއެވެ. ނަމަވެސް އަންނަ އަހަރު މިއަދަދު %0.5 އަށް ދަށްވާނެ ކަމަށާއި މިއީ މިއަހަރުގެ ޖޫން މަހު ލަފާކޮށްފައިވާ މިންވަރަށްވުރެ ދަށް އަދަދެކެވެ. ޖޫން މަހު ލަފާކޮށްފައިވާ ގޮތުގައި އެމެރިކާގެ އިގްތިސާދީ ދުވެލި މިއަހަރު ހަލުއި ވާނީ 2.5% އަށެވެ. އަދި އަންނަ އަހަރު މިއަދަދު އުޅޭނީ %1.2 ގައެވެ.
ބޮޑެތި އިގްތިސާދުތަކުގެ ކުރިމަގު ހަލުވިކަމާއެކު ދަށަށް ދިޔަ ނަމަވެސް، އިންފްލޭޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް އިތުރު ރޭޓް ބޮޑުކުރަން ޖެހޭ ކަމަށް އޯއީސީޑީން ބުނެފައިވާއިރު، އަންނަ އަހަރު ގިނަ ބޮޑެތި މަރުކަޒީ ބޭންކުތަކުގެ ޕޮލިސީ ރޭޓްތައް %4 އަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.