ޚަބަރު

މުސާރައަށް ގެނައި ބަދަލާއެކު ތަޢުލީމީ ދާއިރާއާ ގުޅެން ބޭނުންވާ މީހުން އިތުރު: އެޑިއުކެޝަން މިނިސްޓަރ


ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ މުސާރައަށް ރައީސުލްޖުމްހޫރިއްޔާ ގެންނެވި ހެޔޮ ބަދަލާއެކު އެދާއިރާގައި މަސައްކަތް ކުރަން ބޭނުންވާ މީހުންގެ ޢަދަދު ވަރަށްބޮޑަށް އިތުރުވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

މުސާރައަށް އައި ބަދަލާއެކު މުދައްރިސުންގެ މުސާރަ 4000އާ 10000އާ ދެމެދުގެ ނިންވަރަކަށް ވަނީ އިތުރުވެފައެވެ. ތައުލީމީ ދާއިރާގައި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ހެދި ދިރާސާގައި ފާހަގަ ކުރެވުނު ކަންކަމަށް ސަރުކާރުން ދަނީ ހެޔޮބަދަލުތަކެއް ގެންނަވަމުންނެވެ. މިދިރާސާގައި ފާހަގަވި ކަންކަން ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް ޢަބްދުﷲ، މިނިސްޓަރާއި މަޖިލީހުގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ދިރާސާގައި ފާހަގަވި ކަންކަމަށް ހެޔޮ ބަދަލުތަކެއް ގެނެވެމުންދާކަމަށެވެ.

އެންމެ މުހިންމު ކަމަކަށް ދިރާސާގައި ފާހަގަކުރައްވާފައިވަނީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައެވެ. މީގެ އިތުރުން މަސައްކަތް ކުރަންޖެހޭ ތަނުގެ ޖާގައާއި، ވަސީލަތްތަކާ ގުޅޭގޮތުންވެސް ހުރި ކަންބޮޑުވުން ވަނީ ފާހަގަކޮށްފައެވެ. މިކަންކަން އިސްލާހު ކުރުމަށް ކުރެވޭ މަސައްކަތަކާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ މިދިރާސާގައި ފާހަގަވި ކަންކަމުގެ ތެރެއިން އެންމެ އިސްކަމެއްގެ ދީގެން ސަރުކާރުން އެޅި ފިޔަވަޅަކީ މުސާރަ ބޮޑުކުރުންކަމަށެވެ.

މުސާރަބޮޑުކުރުމުން މިހާރުވެސް ތައުލީމީ ދާއިރާއާއި ގުޅެން ބޭނުންވާ ވަރަށް ގިނަ ބައެއްގެ ޝައުގުވެރިކަން ފާޅު ކުރަމުންދާކަމަށެވެ. އަދި ހުޅުވާލެވޭ އެކި މަޤާމުތަކަށްވެސް މީގެކުރިން ކުރިމަތި ނުލާ ވަރަށް މިހާރު ކުރިމަތި ލަމުންދާކަމަށެވެ. މިނިސްޓަރ ވިދާޅުވީ މުސާރައަށް ގެނައި ބަދަލުގެ ހަގީގީ މަންފާ ފެންނާނީ އަދި ދުވަސްކޮޅެއް ފަހުންކަމަށެވެ.

"ދިރާސާކުރެވެމުން ދިޔައިރު އެއަށް ބަލައި އަދި ރައީސުލް ޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް މުސާރަ ވަނީ ބޮޑުކޮށްފަ. އެ ބަދަލާއެކު ދާއިރާއަށް ވަންނަ ދިވެހި މުދައްރިސުންގެ ދާއިރާއަށް ގުޅެން ބޭނުންވާ މީހުން ގިނަވިކަން ފާހަގަކުރެވޭ." މިނިސްޓަރ ވިދާޅުވިއެވެ.

އެޑިއުކޭޝަން ޑިވެލޮޕްމަންޓު ޕްރޮފެޝަނަލުންނަށް ބަލާއިރު، އެންމެ ދަށް ރޭންކުގެ މުވައްޒަފަކަށްވެސް 20،000 އަށްވުރެ ބޮޑު މުސާރައެއް ލިބޭނެއެވެ. އަދި އެންމެ މަތީ ރޭންކުގެ މުވައްޒަފަކަށް 32،218 ރުފިޔާގެ މުސާރައެއް ލިބޭނެއެވެ.