ދުނިޔޭގެ ވިޔަފާރި

މުއްސަނދިންގެ އަތުން އާ ޓެކްސް އެއް ނަގަން ސްޕެއިންއިން ނިންމައިފި


މުއްސަނދިންގެ އަތުން އާ ޓެކްސް އެއް ނަގަން ސްޕެއިންއިން ނިންމައިފިއެވެ.

ސްޕެއިންގެ ސޯޝަލިސްޓް އިސްކޮށް ހުންނަވާ ކޯލިޝަން ސަރުކާރުން ބުނިގޮތުގައި 2.9 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުން 2023 އާއި 2024 ވަނަ އަހަރު ވަގުތީ ގޮތުން އާ އެސެޓް ޓެކްސްއެއް ނަގަން ވަނީ ހަމަޖެހިފައެވެ.

ފިނޭންސް މިނިސްޓަރު މާރިއާ ޖެސޫސް މޮންޓެރޯ ވިދާޅުވިގޮތުގައި ވަގުތީ މި އާ ޓެކްސްގެ ސަބަބުން 23،000 މީހުންނަށް ނުވަތަ ޓެކްސް ދައްކާ މީހުންގެ 0.1% މީހުންނަށް އަސަރުކުރާނެއެވެ.

މާރިއާ ވިދާޅުވީ 2.9 މިލިއަން އެމެރިކާ ޑޮލަރާއި 4.8 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީގެ ގޮތުގައި ލިބޭ މީހުންގެ އަތުން ޓެކްސްގެ ގޮތުގައި ޖުމްލަ އާމްދަނީ އިން %1.7 ނަގާނެއެވެ. އަދި 4.8 މިލިއަން އެމެރިކާ ޑޮލަރާއި 9.6 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީގެ ގޮތުގައި ލިބޭ މީހުންގެ އަތުން ޓެކްސްގެ ގޮތުގައި ޖުމްލަ އާމްދަނީ އިން ނަގާނީ %2.1 އެވެ. އަދި 9.6 މިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތިން އާމްދަނީ ލިބޭ މީހުންގެ އަތުން ޓެކްސްގެ ގޮތުގައި ޖުމްލަ އާމްދަނީ އިން %3.5 ނަގަން ވެސް ވަނީ ނިންމާފައެވެ.

މި ވަގުތީ އެސެޓް ޓެކްސް ނެގުމަކީ އިންފްލޭޝަން އާއި ހަކަތައިގެ އަގު އުފުލުމުގެ ސަބަބުން ސްޕެއިންއަށްކޮށްފައިވާ ދަތިކަމުން އަރައިގަތުމަށް ކުރިއަށް އޮތް ބަޖެޓަށް ގެންނަން ހަމަޖައްސާފައިވާ ބަދަލުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ.

މި ޓެކްސްގެ އިތުރުން 191،870 އެމެރިކާ ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންނަށް އިންކަމް ޓެކްސް ރޭޓް %26 އިން %27 އަށް ބޮޑުކުރުމަށްވެސް ސަރުކާރުން ވަނީ ރާވާފައެވެ.