ދުނިޔޭގެ ވިޔަފާރި

އީރާނުގެ ހަކަތައިގެ ވިޔަފާރީގައި ބައިވެރިވިކަމަށް ޝައްކު ކުރެވޭ ކުންފުނިތަކަށް އެމެރިކާއިން ފިޔަވަޅު


އީރާނުގެ ޕެޓްރޯކެމިކަލް އާއި ޕެޓްރޯލިއަމް ވިޔަފާރީގައި ބައިވެރިވިކަމަށް ޝައްކު ކުރެވޭ ކުންފުނިތަކަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ކުންފުނިތަކުގެ ތެރޭގައި ޗައިނާގައި ހުންނަ ބައެއް ކުންފުނިތައް ހިމެނެއެވެ. މީގެއިތުރުން ތެހެރާނަށް އިގްތިސާދީ ހުރަސްތައް ތަންފީޒު ކުރުމަށް އިތުރު ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރުވެސް އެމެރިކާއިން ވަނީ ދީފައެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޯނީ ބްލިންކެން ނެރުނު ބަޔާނެއްގައި ވިދާޅުވިގޮތުގައު ވޮޝިންޓަނުން ޗައިނާގެ ދެ ކުންފުންޏެއް ކަމަށްވާ ޒޮންގްގޫ ސްޓޯރޭޖް އެންޑް ޓްރާންސްޕޯޓޭޝަން ކޯ ލިމިޓެޑާއި ޑަބްލިއުއެސް ޝިޕިން ކޯ ލިމިޓެޑަށް ދަތިކުރުމުގެ ފިޔަވަޅު ވަނީ އަޅާފައެވެ.

އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ވަނީ އީރާނުގެ އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ އަގުހުރި ޕެޓްރޯކެމިކަލް އަދި ޕެޓްރޯލިއަމް އުފެއްދުންތައް ދެކުނު އަދި އިރުމަތީ އޭޝިއާގެ އުފެއްދުންތައް ބޭނުންކުރާ ފަރާތްތަކަށް ވިއްކުމުގައި ބައިވެރިވި ކުންފުނިތަކުގެ ނެޓްވޯކަކަށްވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

މި ފިޔަވަޅު އަމާޒުކޮށްފައިވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް، ހޮންކޮންގް އަދި އިންޑިއާގެ އީރާނުގެ ބްރޯކަރުންނާއި ފްރަންޓް ކުންފުނިތަކަށްކަމަށް ޓްރެޜަރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ވޮޝިންޓަން އާއި ތެހެރާނުން 2015 ވަނަ އަހަރު ވެފައިވާ ނިއުކްލިއާ އެއްބަސްވުމެއް ކަމަށްވާ ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން، ޖޭސީޕީއޯއޭގެ ނަމުގައި އަލުން އާކުރުމުގެ ގޮތުން ކުރި ނުސީދާ މަޝްވަރާތައް ވަނީ ފެއިލްވެފައެވެ.

ޖޭސީޕީއޯއޭއާއި ހިލާފަށް އީރާނުން ނިއުކްލިއާ ޕްރޮގްރާމް އަވަސް ކުރަމުންދާއިރު، އީރާނުން ޕެޓްރޯލިއަމް އާއި ޕެޓްރޯކެމިކަލް ވިއްކުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުން އަވަސް ކުރަމުން ގެންދާނެ ކަމަށް ބްލިންކެންގެ ބަޔާނުގައިވެއެވެ. އަދި ޖޭސީޕީއޯއޭގެއިން ކުންފުނިތައް އުވާލާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.