ކުޅިވަރު

ދިވެހި އަންހެން ބާސްކެޓުގެ އައު ޖީލާއި މެދު ސުޕުންގެ ބޮޑެތި އުއްމީދުތަކެއް


ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުން ކުރު މުއްދަތެއްގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތަކުން ދޭހަވަނީ ބާސްކެޓުބޯޅައިގެ މުސްތަގުބަލެއް އޮތްކަން ކަމަށާއި، ރާއްޖޭގެ އަންހެން ބާސްކެޓުގެ ކުރިމަގު އުޖާލާ ކަމަށް ޓީމުގެ ކޯޗު ސްރީ ލަންކާގެ ސުޕުން ވިމާލް ބުނެފިއެވެ.

މިއީ ރާއްޖޭގެ ބާސްކެޓުގެ ކޯޗިން ލެވެލްގައި ސުޕުންގެ އެންމެ ފަހު މުބާރާތެވެ. މި މުބާރާތާއެކު އޭނާ ތައްޔާރުވީ އަންހެން ޓީމަށް ރަން މެޑަލްއެއް ހޯދައިދިނުމަށް ފަހު ރާއްޖެއާއި އަލްވަދާއު ކިޔާށެވެ. އެ އަމާޒަށް ވާސިލު ނުވެވުމުން ކޯޗު ވަނީ ދިވެހި ރައްޔިތުންގެ ކިިބައިން މައާފަށް އެދިފައެވެ. އަދި އެކަމުގެ ޒިންމާ ނަގާ ކަމަށްވެސް ކޯޗު ބުންޏެވެ.

ރާއްޖެ ބަލިކޮށް ލަންކާއިން ވަނީ ރަން މެޑަލް ދިފާއުކޮށްފައިވާ އިރު، ރާއްޖެއިން ލޯ މެޑަލް ހޯދާފައިވަނީ ފަހު މެޗުގައި ބޫޓާން އަތުން ހޯދި މޮޅާއެކު އެވެ. މި މުބާރާތުގައި ރާއްޖޭން ވަނީ ނޭޕާލް ބަލިކޮށްފައެވެ. މިއީ މި މުބާރާތުގައި ރާއްޖޭގެ އެންމެ ރަނގަޅު ނަތީޖާއެވެ. އަދި މިއީ ތާރީހުގައި ވެސް އަންހެން ޓީމުން ނޭޕާލް ބަލިކުރި ފުރަތަމަ ފަހަރެވެ. ރާއްޖޭން މުބާރާތް ނިންމާލީ ހަތަރު ޓީމު ވާދަކުރި މުބާރާތުން ދެ މޮޅު ހޯދައިގެންނެވެ.

ޓީމުގެ ކުރިމަގާ ގުޅޭގޮތުން މީޑިއާގައި ވާހަކަދައްކަމުން ސުޕުން ބުނީ ވޭތިވެދިޔަ ތިން އަހަރެއްހާ ދުވަސްތެރޭގައި އަންހެން ބާސްކެޓްބޯޅައިން ކުރިއެރުންތަކެއް ފެނިގެންދިޔަ ކަމަށާއި އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރަނގަޅު ޖީލެއް ބިނާކުރެވުން ކަމަށެވެ. އަދި ޓީމުގައި އަރަމުން އަންނަ ކުޅުންތެރިންތަކުގެ ތެރޭގައި ފެންވަރު ރަނގަޅު މޮޅެތި ކުޅުންތެރިންތަކެއް ތިބި ކަން ފާހަގަކުރަމުން ސުޕުން ބުނީ މިފަހަރުގެ މުބާރާތުން ރަން މެޑަލް ހޯދުމުގެ ފުރުސަތު ގެއްލުނީ ޓީމުގެ ހަގީގީ ފެންވަރުގައި ނުކުޅެވިގެން ކަމަށެވެ.

ސުޕުން ބުނީ މުބާރާތް ފެށިއިރު ލޯ މެޑަލް އެއީ ޔަގީން މެޑަލްއެއްކަން އެނގޭ ކަމަށާއި ރަން މެޑަލްއާއި ހިސާބަށް ވާސިލުނުވެވުނީ ވަރަށް ގިނަ ކަންކަން ގޯސްކޮށް ކުރެވުމުން ކަމަށެވެ. އެކަމާ ދެރަވާ ކަމަށާއި ކުޅުންތެރިންގެ އެއްވެސް މައްސަލައެއް ނެތްކަން ކޯޗު ފާހަގަކުރި އެވެ. މީގެއިތުރުން ކުޅުންތެރިންނާއި އެސޯސިއޭޝަން ކުރި މަސައްކަތަށް ހަމަ ރަން މެޑަލެއް ހައްގު ކަމަށް ސުޕުން ބުންޏެވެ.

ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމާ ސުޕުން 2019 ގައި ހަވާލުވުމަށްފަހު އެ އަހަރު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ބާސްކެޓްބޯޅަ އިވެންޓުގައި ރާއްޖޭން ވަނީ ލަންކާ ބަލިކޮށް ސެމީފައިނަލުގައި ކުޅެ، ލޯ މެޑަލް ހޯދާފައެވެ. ރާއްޖޭން ވަނީ 2016 ވަނަ އަހަރުގެ ސާބާ ޗެމްޕިއަންޝިޕުގައި ވެސް ލޯ މެޑަލް ހޯދާފައެވެ.