ޔޫރޯޒޯންގެ އިންފްލޭޝަން ސެޕްޓެމްބަރުމަހު އަނެއްކާވެސް ރެކޯޑު މިންވަރަކަށް މަތިވެއްޖެއެވެ.
މިއާއިއެކު ޔޫރަޕިއަން ސެންޓްރަލް ބޭންކް، އީސީބީން މިމަހު އަނެއްކާވެސް އިންޓަރެސްޓް ރޭޓް މަތިކުރާނެކަމަށް ވަނީ ބެލެވިފައެވެ.
ޔޫރޯސްޓެޓްގެ ހިސާބުތަކުން ދައްކާގޮތުގައި ޔޫރޯ ހިއްސާކުރާ 19 ގައުމުގެ އިންފްލޭޝަން ސެޕްޓެމްބަރުމަހު ވަނީ %10.0 އަށް އަރާފައެވެ. އޭގެކުރިން އޮގަސްޓުމަހުގެ އިންފްލޭޝަން ހުރީ %9.1 ގައެވެ.
މިއީ ޔޫރޯޒޯންގެ އެންމެ ބޮޑު އިގްތިސާދު އޮންނަ ޖަރުމަނުވިލާތުގެ އިންފްލޭޝަން މީގެ 70 އަހަރު ކުރިން ކޮރެއާ ހަނގުރާމައިގެ ދުވަސްވަރަށްފަހު އެންމެ މައްޗަށް ދިޔަ ފަހަރެވެ.
އިންފްލޭޝަން މަތިވެފައި ވަނީ މައިގަނޑު ގޮތެއްގައި ހަކަތައާއި ކާބޯތަކެތީގެ އަގު އުފުލިގެން ދިއުމުން ނަމަވެސް މިހާރު ގާތްގަނޑަކަށް ހުރިހާ ދާއިރާއަކުންވެސް އަންނަނީ އަގުތައް އުފުލެމުންނެވެ. ހިދުމަތްތަކުން ފެށިގެން ސިނާއީ މުދަލާއި ހަމައަށް އަގުތައް ވަނީ އުފުލިފައެވެ.
ކާބޯތަކެއްޗާއި ތެލުގެ އަގު ނުހިމަނައި އެހެނިހެން ތަކެތީގެ އިންފްލޭޝަން 5.5% ން %6.1 ށް މަތިވެފައިވާއިރު، ބަނގުރަލާއި ދުންފަތް ވެސް ނުހިމަނައި އިންފްލޭޝަން %4.3 ން %4.8 ށް ވަނީ މަތިވެފައެވެ.
އަނެއްކޮޅުން މީގެ އަހަރެއްހާ ދުވަސް ކުރިއާ އަޅާބަލާއިރު ހަކަތަގެ އަގު ވަނީ 14% އަށް މަތިވެފައެވެ. 41 ޕަސެންޓް މައްޗަށް ގޮސްފައިވާއިރު ޕްރޮސެސް ނުކުރާ ކާބޯތަކެތީގެ އަގު ވަނީ 13 ޕަސެންޓް މައްޗަށް ގޮސްފައެވެ.
އީސީބީގެ ދެން އޮންނަ ރޭޓް ބައްދަލުވުމަށް އަދިވެސް ގާތްގަނޑަކަށް މަހެއްހާ ދުވަސް ބާކީ އޮތްއިރު، ދެ ބައްދަލުވުމެއްގައި ޖުމްލަ 125 ބޭސިސް ޕޮއިންޓްގެ ފިޔަވަޅުތަކެއް އެޅުމަށްފަހު އިތުރު 75 ބެސިސް ޕޮއިންޓްގެ ރޭޓް ބޮޑުކުރުމަށް ސިޔާސަތު ވަނީ ކަނޑައަޅާފައެވެ. މުޅި ޔޫރޯ ޒޯނުގެ ވިޔަފާރި ސެޕްޓެމްބަރުމަހު ދަށްވެ، އާންމުން ޚަރަދު ކުރާ މިންވަރު ކޮންޓްރޯލުކުރުމުގެ ސަބަބުން ޔޫރޯ ޒޯން ރިސެޝަނަކަށް ދިއުން ވަރަށް ގާތްކަމަށް މިދިޔަ މަހު އާންމުކުރި ދިރާސާއަކުންވެސް ވަނީ ދައްކާފައެވެ.
ޔޫރޯޒޯންގެ އެސް އެންޑް ޕީ ގްލޯބަލްގެ ފްލެޝް ކޮމްޕޮޒިޓް ޕާޗޭސިން މެނޭޖާސް އިންޑެކްސް، ޕީއެމްއައި ވަނީ 48.9 ޕޮއިންޓުން 48.2 އަށް ވެއްޓިފައެވެ. އަހަރެއްހާ ދުވަހުގެ ތެރޭގައި ޔޫރޯ ޒޯން ރިސެޝަނަކަށް ދިއުމުގެ %60 އެބައޮތް ކަމަށް މިދިޔަ މަހު ކުރީކޮޅު ރޮއިޓާސްއިން ކުރި ދިރާސާއަކުންވެސް ވަނީ ދައްކާފައެވެ.