ދުނިޔޭގެ ވިޔަފާރި

ޕެސިފިކް ގައުމުތަކާއެކު އެމެރިކާއިން ވިޔަފާރީގެ އެއްބަސްވުމަކަށް


ޗައިނާގެ ނުފޫޒު ފުޅާކުރަމުން އަންނަ ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ ގައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވުމަކަށް އާދެވިފައިވާކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ދައުވަތަކަށް 14 ޖަޒީރާ ގައުމެއްގެ ލީޑަރުން މިހާރު ގެންދަވަނީ ވޮޝިންޓަނަށް ޒިޔާރަތް ކުރައްވަމުންނެވެ.

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕެސިފިކް ސަރަހައްދަށް 860 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އިންވެސްޓްމެންޓެއް ކުރަން އެމެރިކާއިން ވަނީ ނިންމާފައެވެ. މީގެކުރިން ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި އެ ސަރަހައްދަށް އެމެރިކާއިން ވަނީ 1.5 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައެވެ.

ވޮޝިންޓަނުގައި ކުރިއަށް ދިޔަ ބައްދަލުވުންތަކުގައި ޕެސިފިކް ޖަޒީރާ ގައުމުތަކުގެ ލީޑަރުންނަށް ހުށަހެޅުނު 11 ނުކުތާގެ ބަޔާނުގައިވާ ކަންކަމަށް ހުރިހާ ލީޑަރުން އެއްބަސްވެފައިވާކަމަށް ވެސް ވޮޝިންޓަން ޕޯސްޓުން ވަނީ ބުނެފައެވެ. މީގެ ތެރޭގައި ސޮލޮމޮން އައިލެންޑްސް ރައީސް މަނައްސޭ ސޮގަވާރޭ ހިމެނިވަޑައިގަންނަވައެވެ. މަނައްސޭ މި ނުކުތާތަކަށް އެއްބަސްވެފައި މިވަނީ ފާއިތުވެ ދިޔަ މަސްތަކުގައި ސޮގަވާރޭ ޗައިނާއާއެކު ބަދަހި ކުރައްވަމުން ގެންދަވާފައިވާ ގުޅުމުގެ ސަބަބުން އެމެރިކާގެ މި ހުށައެޅުމަށް އޭނާ އެއްބަސްނުވާނޭކަމަށް ބައެއް ނޫސްތަކުން ކުރިން ވަނީ ރިޕޯޓުކޮށްފައިވަނިކޮށެވެ.

ލީޑަރުންނާއިއެކު ބޭއްވި ބައްދަލުވުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވިގޮތުގައި ޕެސިފިކް ސަރަހައްދަށް ސަމާލުކަން ދޭންވާ ވަރަށް މީގެކުރިން އެމެރިކާއަށް އޮތޯ ނުދެވިއެވެ. އަދި އެކަން ބަދަލުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކާއެކު އާ ކަންކަން އިއުލާނު ކުރެވިގެން ދާނެކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ޕެސިފިކްގެ ޖަޒީރާ ރަށްތަކުގެ ރުހުން ހޯދުމަށް އެމެރިކާއިން ކުރަމުން އަންނަ މަސައްކަތްތައް ވަރުގަދަކޮށްފައި މިވަނީ މި އަހަރު ކުރީކޮޅު ސޮލޮމޮން އައިލެންޑްސްއިން ޗައިނާއާއެކު ސަލާމަތީ އެއްބަސްވުމެއް ހެދުމުންނެވެ.

ޗައިނާއިން އަންނަނީ މިސަރަހައްދުގެ ޖަޒީރާ ގައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް ގިނަ އިންވެސްޓްމަންޓުތަކެއް ޤާއިމްކުރަމުންނެވެ. ޕެސިފިކް ސަރަހައްދުން ވަނީ އެމީހުންގެ ރަސްމީ ހާރިޖީ ގުޅުންތައް ޓައިވާނުން ޗައިނާއަށް 2019 ވަނަ އަހަރު ބަދަލުކޮށްފައެވެ.