ޚަބަރު

އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގެންފި


ރާއްޖޭގެ ފޮރިން ސެކްރެޓަރީގެ ދަޢުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކަވަޓްރާ ރާއްޖެ ވަޑައިގެންފިއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަޙްމަދު ލަތީފްއާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ މުނޫ މަހާވަރުއެވެ.

މި ދަތުރުފުޅަކީ ވިނޭ އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މަޤާމާ ހަވާލުވިފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ކުރައްވާ ދަތުފުޅަކީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަޙްމަދު ލަތީފްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ވިނޭ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށެވެ. ޚާއްސަކޮށް އިންޑިއާގެ އެހީގެ ދަށުން ރާޢްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތައް ދާ ސްޕީޑާ މެދު މަޝްވަރާކުރުމާއި އެކަންކަމާގުޅޭ މަޢުލޫމާތުތައް ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ވިނޭގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީއާއި މިިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރްއާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާއިލްއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

އިންޑިއާއަކީ ރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ މުހިއްމު އެއް ބައިވެރިޔާއެވެ. އެގޮތުން އިންޑިއާގެ އެހީގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޮޑެތި މަޝްރޫޢުތައް ކުރިއަށްގެންދާއިރު މިހާރު ފާހަގަކޮށްލެވޭ އެންމެ މުހިއްމު އެއް މަޝްރޫޢަކީ ތިލަމާލެ ބްރިޖްގެ މަޝްރޫޢެވެ. މީގެ އިތުރަށްވެސް އިންޑިއާގެ އެހީގައި ސިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާގައިވެސް މަޝްރޫޢުތައް އަންނަނީ ހިންގަމުންނެވެ.