ޚަބަރު

ހެއްކާބެހޭ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ބިލު ރައީސް އޮފީހަށް ފޮނުވައިފި


ނޫސްވެރިންނަށް މައުލޫމާތު ލިބޭ މަސްދަރު ހާމަކުރުން މަޖުބޫރުވާ ގޮތަށް އެކުލަވާލާފައިވާ ހެއްކާބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމަށް އެކުލަވާލި ބިލު އެޓާނީ ޖެނެރަލް އޮފީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން މި ބިލު އެކުލަވާލާފައި މިވަނީ ހެއްކާބެހޭ ގާނޫނުގެ 136 ވަނަ މާއްދާ މިހާރު އޮތް ގޮތުން ޓެރަރިޒަމްގެ ކުށްތަކާއި ޤައުމީ ސަލާމަތަށް ނުރައްކާވާ ކުށްތައް ބަޔާންކޮށްދީފައި ނުވާއިރު، އެފަދަ މައްސަލަތަކުގައި މަސްދަރު ހާމަކުރުމަށް ކޯޓަކަށް ނޫސްވެރިންނަށް މަޖުބޫރު ކުރެވިދާނެތީ ނޫސްވެރިންނާއި މީޑިއާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ. ބިލަށް ގެންނަން ޖެހޭ އިސްލާހުތަކާއެކު މަޖިލީހަށް ހުށަހެޅުމަށް ބިލު ރައީސް އޮފީހަށް ހުށަހެޅީ މިދިޔަ ބްރާސްފަތި ދުވަހުއެވެ.

އެޓާނީ ޖެނެރަލް އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ހުސެއިން ހަސަން ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައްސަލަތަކާއި، ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަން މި އިސްލާހުގައި ތަފްސީލްކޮށްދީފައި ވާނެކަމަށެވެ. އެގޮތުން ޤައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކަކީ ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިޞްތިޤްލާލަށް ނުވަތަ މީހެއްގެ ނުވަތަ ބައެއްގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަށް މަގުފަހިކުރާ ޢަމަލުތައް އެކުލެވޭ ކުށްތައް ކަމާއި، ޓެރަރިޒަމްގެ ކުށްތަކަކީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދެވަނަ ބާބުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށްތައް ކަމަށް ކަނޑައެޅުމަށް އިސްލާހުގައި ހިމަނާފައިވާނެކަމަށެވެ.

މީގެ އިތުރަށް ނޫސްވެރިންނަށް މަޢުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމްކުރުމުގައި ކޯޓުން ރިޢާޔަތްކުރަންޖެހޭ ކަންކަން ޤާނޫނުގައި ކަނޑައެޅުމަށާއި، އެފަދަ ނިންމުމެއް ނިންމާނީ ހައިކޯޓުން ކުރާ އަމުރެއްގެ ދަށުންކަމަށް ކަނޑައެޅުމަށްވެސް އިސްލާހުގައި ހިމަނާފައިވާނެކަމަށް ހުސެއިން ވިދާޅުވިއެވެ.