ޚަބަރު

އޭވިއޭޝަން މެނޭޖްމަންޓް ޚިދުމަތްތަކަށް އެއްބާރުލުން ދޭން އައިކާއޯއިން އެއްބަސްވެއްޖެ


ރާއްޖޭގެ ސިވިލް އޭވިއޭޝަން މެނޭޖްމަންޓް ޚިދުމަތްތަކަށް އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި އިންޓަރނޭޝަނަލް ސިވިލް އޭވިއެޝަން އޯގަނައިޒޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)ގެ ޖެނަރަލް އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ކުރައްވާ ދަތުރުފުޅުގައެވެ. މިއެއްބަސްވުމުގައި ރާއްޖެއިން މިނިސްޓަރ ނަހުލާ ސޮއިކުރައްވާފައިވާއިރު އައިކާއޯއިން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް ޖުއަން ކާރލޮސް ސަލަރޒަރއެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް އައިކާއޯގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި މި ޚިދުމަތް ކުރިއެރުވުމަށް އިންޓަރނޭޝަން ޑޯނަރުންގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެހީތެރިވެދިނުން ހިމެނެއެވެ.

އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ޖެނަރަލް އެސެމްބްލީގެ ހަވާސާގައި މިނިސްޓަރ ނަހުލާ ވަނީ އެކި ޤައުމުތަކުގެ މަތީ ފަންތީގެ ބޭފުޅުންނާ ބައްދަލުކުރައްވާ ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާ ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފައެވެ. މިގޮތުން އާއްމު ދަތުރުފަތުރުގެ ޚިދުމަތް ހަރުދަނާ ކުރުމާއި މިދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމަށް ރާއްޖެއާއި ތުރުކީއާ ދެމެދުވަނީ މަޝްވަރާކޮށްފައެވެ.

މި މަޝްވަރާކޮށްފައިވަނީ (އައިކާއޯ)ގެ ޖެނަރަލް އެސެމްބްލީގެ ހަވާސާގައި ތުރުކީގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް އިންފްރަރސްޓްރަކްޗަރ އެންވަރ އިސްކަރޓްއާ މިނިސްޓަރ ނަހުލާ ބައްދަލުކުރައްވައެވެ. މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ގުޅުމާ ބެހޭގޮތުންނާއި، ދަތުރުފަތުރު ކުރުމާ ބެހޭ އެއްބަސްވުމުގައި ވީ އެންމެ އަވަހަކަށް ސޮއިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

މިދަތުރުފުޅުގައި މިނިސްޓަރ ވަނީ ނައިޖީރިއާގެ ފެޑްރަލް މިނިސްޓަރ އޮފް އޭވިއޭޝަން ހާދީ ސިރިކާއާ ބައްދަލުކުރައްވާ މިދާއިރާއިން ދެ ޤައުމުން އެއްބާރުލުންދެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން ވައިގެ ދަތުރުފަތުރުގެ މުހިއްމުކަމާއި ސީޕްލޭން އޮޕަރޭޝަންތަކަށް ބޭނުންވާ ފަންނީ މަޢުލޫމާތުތައް ފޯރުކޮށްދިނުމުގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށްވެސް ވަނީ މަޝްވަރާކުރައްވާފައެވެ.