ޚަބަރު

ދެ މެޖިސްޓްރޭޓަކު އެދިގެން މަސައްކަތް ކުރަމުންދިޔަ ރަށް ބަދަލުކޮށްދީފި


ދެ މެޖިސްޓްރޭޓަކު އެދިގެން މަސައްކަތް ކުރަމުންދިޔަ ރަށް ބަދަލުކޮށްދީފިއެވެ.

ބަދަލު ގެނެސްފައިވަނީ ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު އާދަމް ސ.މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށާއި، ރ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު ޞާދިޤު ރ.ދުވާފަރު މެޖިސްޓްރޭޓް ކޯޓަށް ބަދަލުކުރުމަށެވެ.

ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުންއައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން، ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު އާދަމް، ސ.މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކުރުމަށް ޖޭއެސްސީން ނިންމުމާއި ގުޅިގެން މިއަދުން ފެށިގެން އަލްއުސްތާޛް އަޙްމަދު އާދަމް، ސ.މަރަދޫފޭދޫ ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމަށް ވަނީ ބަދަލުކުރެވިފައެވެ.

ދުވާފަރު މެޖިސްޓްރޭޓް ކޯޓަށް ބަދަލުކޮށްދެއްވުން އެދި އަލްއުސްތާޛު މުޙައްމަދު ޞާދިޤު ޖޭއެސްސީއަށް ހުށަހަޅުއްވާފައިވުމާއެކު، ރ.ދުވާފަރުގައި ހުންނަވައިގެން، ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހުރަހެއް އޮތްކަމަށް ނުފެންނާތީ، އަލްއުސްތާޛު މުޙައްމަދު ޞާދިޤު ރ.ދުވާފަރު މެޖިސްޓްރޭޓް ކޯޓަށް ބަދަލުކުރުމަށް ފެންނަކަމަށް ވަނީ ކޮމިޝަނުން ނިމާފައެވެ.