ޚަބަރު

"ރަސްފަންނު" އާއްމުކޮށް ހުޅުވާލައިފި


މާލޭގެ ހުޅަނގު ފަރާތު ހެދިގޮނޑުދޮށް "ރަސްފަންނު" މިއަދު ޢާއްމުކޮށް ހުޅުއްވާލައްވައިފިއެވެ. މިދިޔަ އާދިއްތަ ދުވަހުގެ ރޭ ރަސްމީކޮށް އެތަން ހުޅުއްވި ނަމަވެސް ޢާއްމުކޮށް އެސަރަޙައްދު ހުޅުއްވާލެއްވީ ރޭ ފަތިހުން ފެށިގެންނެވެ. ހެދިގޮޑުދޮށް އާންމުކޮށް ހުޅުވާލުމުން ގިނަ ޢަދަދެއްގެ ޒުވާނުންނާއި އުމުރުން ދުވަސްމީހުންނާއި ޢާއިލާތައް އެކުގައިވެސް އެ ސަރަޙައްދަށް ޒިޔާރަތްކޮށްފައިވެއެވެ. އަލަށް ހުޅުއްވި ހެދިގޮނޑުދޮށުގައި ޢާއިލާއާއެކު ހިތްހަމަޖައްސާލަން ތިބޭނެ ޖޯލިފަތިތަކާއި ހޮޅުއަށިތައް ބަހައްޓާފައިވެއެވެ. އަދި އެތަނަށް ދާ ފަރާތްތަކަށް ޚާއްސަކޮށްގެން އެތަނުގައި ޕާކިންގ ޒޯނެއްވެސް ވަނީ ހަދާފައެވެ. އަދި ކުޑަކުދިންނަށް މިނިވަން ކަމާއެކު އުޅެވޭނެހެން ވަކި ގަޑިތަކެއްގައި ދުއްވާ އެއްޗެހި ދުއްވުންވެސް އެސަރަހައްދުގައި ވަނީ މަނާކޮށްފައެވެ. މީގެއިތުރުން މުޅި އެ ސަރަހައްދަކީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ސަރަހައްދެއްގެ ގޮތުގައިވެސްވަނީ ކަނޑައަޅާފައެވެ.  މާލޭގެ ހުޅަނގުފަރާތުގެ މަލަމަތި ބަދަލުކޮށްލައި، ރާއްޖޭގެ
ރީތި ޖަޒީރާ ރަށެއްގެ ސިފަ މަލަމަތިން ދައްކައިދޭ ހެދިގޮނޑުދޮށް ރަސްފަންނަކީ،
މާލޭގައި އިޖުތިމާއި ބިނާވެށްޓެއް ގާއިމްކުރެއްވުމަށް ސަރުކާރުން ކުރައްވަމުން
ގެންދަވާ މަސައްކަތުގެ ބައެކެވެ.



އެތަން ތަރައްޤީކުރައްވާފައިވާނީ، އިޖުތިމާޢީގޮތުން
ޙަރަކާތްތެރިވެ އުޅެވޭނެ ތަފާތު ކަންކަން ހިމަނުއްވައިގެންނެވެ. ދިވެހި ސަގާފަތާއި، ތަރައްޤީގެ ކުލަ އެތަނުން
ފެނިގެންދެއެވެ. ރަސްފަންނުގައި މޫދަށް އެރުމަށް ޚާއްޞަކޮށްފައިވާ ތަނުގައި،
މޫދުގެ ތިލަ ތަންތަނުގެ އިތުރުން، ފުން ހިސާބުގައި ފަތާލަން ބޭނުންވާ ފަރާތްތަކަށް
އެ ފުރުސަތުވެސް ވަނީ ފަހި ކޮށްދެއްވާފައި ބާބަކިއު ހެދޭނޭ އިންތިޒާމާއި، މަސްބޭނުމަށްވެސް ޒަމަނީ
ފެންވަރުގެ ތަނެއް ވަނީ ތަރައްޤީކުރައްވާފައެވެ. އަދި މޫދަށް އެރޭ ފަރާތްތަކަށް
ފެންމާގަނޑުތައްވެސް އެތަނުގައި ވަނީ ހަރުކުރައްވާފައެވެ. 

ހެދިގޮނޑުދޮށުގެ މެދުގައި މިހާރު މަސައްކަތް ކުރިއަށްދާ
ޕެވިލިއަންގެ މަސައްކަތް ނިމުމުން އެތަން ވެގެންދާނީ މުޅި ރާއްޖޭގައިވެސް އެ
ކޮންސެޕްޓަށް ތައްޔާރުކުރެވޭ ފުރަތަމަ ބިނާއަށެވެ. އެ ޕެވީލިއަންގައި
ރެސްޓޯރެންޓާއި، ޗޭންޖިން ރޫމާއި، ފެންވެރޭނެ އިންތިޒާމްތައް ހުންނާނެއެވެ.
އެތަނުން އެންމެ ބޮޑަށް ފާހަގަކުރެވޭނީ، ޕެވިލިއަންއިން މަގުގެ އަނެއްފަޅިއަށް
ދެވޭގޮތަށް ހަދާ އޯވަރހެޑް ބްރިޖެކެވެ. މި ބްރިޖަށް އެރުމަށް ސިޑީގެ އިތުރުން
ލިފްޓް ހަރުކުރެވިފައި ހުންނާނެއެވެ. މި ބްރިޖަކީ މިތަނަށް ލިބިގެންދާނެ އިތުރު ފުރިހަމަކަމަކަށް
ވެގެންދާނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.