2025ވަނަ އަހަރު އަންނަންވާއިރަށް ހޯމް ޑެލިވަރީތައް އިލެކްޓްރިކް ވެހިކަލްތައް ބޭނުންކޮށްގެން ކުރާނެކަމަށް ފަރުނީޗަރު ވިއްކައި ސްވިޑަންގެ ކުންފުނި އިކިއާގެ ސީއީއޯ ޖެސްޕާ ބްރޮޑިން ވިދާޅުވެއްޖެއެވެ.
ރޮއިޓަސް އިމްޕެކްޓް ކޮންފަރެންސްގައި ދެއްވި އިންޓަވިއުއެއްގައި ބްރޮޑިން ވިދާޅުވީ ބައެއް ސިޓީތަކުގައި މިހާރުވެސް ހޯމް ޑެލިވަރީތައް އިލެކްޓްރިކް ކޮށްފައިވާ ކަމަށާއި އިތުރު ސިޓީތަކަށް ހޯމް ޑެލިވަރީ އިލެކްޓްރިކްކުރުމަށް ބޭނުންވާ ކަންތައްތައް ފުރިހަމަކުރުމަށް ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ބައެއް ސަރަޙައްދުތަކުގައި މިކަން ކުރުމަށް ގޮންޖެހުންތަކެއް ހުރެދާނެކަމަށް ބްރޮޑިން ވިދާޅުވިއެވެ. ނަމަވެސް 2025ވަނައަހަރު އަންނަންވާއިރަށް ހޯމް ޑެލިވަރީތައް އިލެކްޓްރިކް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހޯމް ޑެލިވަރީ އިލެކްޓްރިކްކުރަން އިކިއާ އިން ނިންމީ 2030ވަނަ އަހަރުގެ ނިޔަލަށް ގްރީންހައުސް ގޭސް މަދުކުރުމަށް އެކުންފުނިން ރާވާފައިވާ ޕްލޭންގެ ދަށުންނެވެ.
މިދިޔަ ޖެނުއަރީ މަހު ރެކޯޑު އަދަދަކަށް ވިޔަފާރީވީ ނަމަވެސް އަހަރަކު ކާބަން ދޫކުރާ މިންވަރު ކޯވިޑުގެ ބަލިމަޑުކަމަށްވުރެ ކުރިން މިންވަރަށްވުރެ %6 އަށް ވަނީ ދަށްވެފައިވާކަމަށާއި 2030ވަނަ އަހަރު އަންނަންވާއިރަށް ކްލައިމެޓް ޕޮޒިޓިވް ކުންފުންޏަކަށް އިކިއާ ހެދޭނެ ކަމަށް އިންޓަރ އައިކިއާގެ ބްރޭންޑް ވެރިޔާ ވަނީ ވިދާޅުވެފައެވެ.
ދުނިޔޭގެ އައިކޭއާގެ ގިނަ ފިހާރަތަކުގެ ވެރިޔާ އިންކަރ ގްރޫޕުން މިހާރުވެސް ބޭނުންކުރާ ހަކަތައަށް ވުރެ ގިނައިން އިއާދަކުރަނިވި ހަކަތަ އުފައްދައެވެ. އަދި 2009ވަނަ އަހަރުން ފެށިގެން ވަޔާއި ސޯލާ މަޝްރޫއުތަކަށް ގާތްގަނޑަކަށް 2.9 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކޮށްފައިވެއެވެ.
އެ ކުންފުނީގެ ސަޕްލައި ޗެއިންގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން 2030ވަނަ އަހަރުގެ ނިޔަލަށް 6.5 ބިލިއަން ޔޫރޯގެ އިންވެސްޓްމަންޓް ކުރުމަށް އިކިއާ އިން ވަނީ ނިންމާފައެވެ. އިކިއާ އިން 575 ވިންޑް ޓަރބައިން އާއި 20 ސޯލާ ޕާކުގެ އިތުރުން 935،000 ސޯލާ ޕެނަލް އެ ކުންފުނީގެ ފިހާރަތަކާއި ގުދަންތަކުގައި ބޭނުންކުރެއެވެ.
ބްރޮޑިން އިތުރަށް ވިދާޅުވިގޮތުގައި ޔޫރަޕްގައި ހަކަތައިގެ އަގު އުފުލެމުންދާ މި ދަނޑިވަޅުގައި ސޯލާ ޕެނަލް އާއި އިތުރު އެހެނިހެން އާލާތްތަކަށް ފަރިތަވާން ޖެހޭނެ ކަމަށެވެ. މިކަން ބަދަލުކުރާއިރު ގޭބީސީތަކަށް ގޮންޖެހުންތަކާއި ކުރިމަތިވާނެ ކަމަށާއި މިކަމަށް އެހީތެރިވުމަށް ގޭބިސީތަކުން ހަކަތަ ބޭނުންކުރުން މަދުކުރެވޭނެ ގޮތްތަކާ މެދު ހޭލުންތެރިކަން އިތުރުކޮށް ހަކަތަ ސަލާމަތްކުރާ އަގުހެޔޮ އުފެއްދުންތައް ވިއްކުމަށް ކެމްޕޭނެއް ފެށުމަށް އިކިއާއިން ރާވާފައިވާ ކަމަށެވެ.