ތޫފާނު ފިއޮނާގެ ސަބަބުން ކެރީބިއަން އައިލޭންޑް ޕޯޓޮރީކޯއަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެހީއެއްގެ ގޮތުން 60 މިލިއަން އަށްވުރެ ގިނަ އެމެރިކާ ޑޮލަރުގެ އެހީ ދެއްވާނެ ކަމަށް އެމެރިކާގެ ރައީސްޖޯ ބައިޑަން ވިދާޅުވެއްޖެއެވެ. ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތައް ބައްލަވާލެއްވުމަށް ހޯމަ ދުވަހު ބައިޑަން ވަނީ ޕޯޓޮރީކޯއަށް ވަޑައިގަންނަވާފައެވެ.
ބައިޑަން މި އެހީ އިއުލާން ކުރެއްވީ ފެޑެރަލް އިމަޖެންސީ މެނޭޖްމަންޓް އެޖެންސީގެ އެޑްމިނިސްޓްރޭޓަރު ޑީން ކްރިސްވެލް އާއި ފަސްޓް ލޭޑީ ޖިލް ބައިޑަން އާއި އެކު ޕޯޓޮރީކޯއަށް ފުރުއްވަމުންނެވެ.
މި އެހީގެ ސަބަބުން ކުރިއަށް ހުރި ތޫފާންތަކަށް ރައްޔިތުން ރަނގަޅަށް ތައްޔާރުވުމަށް އެހީތެރިވުމަށް އިންޒާރުދޭ ނިޒާމެއް އުފެއްދުމަށް އެހީތެރިވެދޭނެ ކަމަށް ބައިޑަން ކުރެއްވި ޓްވިޓާ ޕޯސްޓެއްގައިވެއެވެ.
އެއާފޯސް ވަން ބޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކްރިސްވެލް ވިދާޅުވީ ތޫފާން އިއާންގެ ސަބަބުން އިންޝުއަރެންސް އިންޑަސްޓްރީއަށް ކުރާ އަސަރު ބައިޑަންގެ ސަރުކާރުން ދަނީ މޮނިޓަރ ކުރަމުން ކަމަށެވެ. އިއަންގެ ސަބަބުން ލިބޭ ގެއްލުން ވަރަށް ބޮޑުވާނެ ކަމަށް ކަމާއިބެހޭ ފަރާތްތަކުން މިދިޔަ ހަފުތާ ވަނީ ބުނެފައެވެ.
ޕޯޓޮރީކޯގެ އިތުރުން ފްލޮރިޑާ އާއި ސައުތު ކެރޮލައިނާ ސްޓޭޓްތަކަށް ވެސް ފާއިތުވި ދުވަސްތަކުގައި ތޫފާން އިއަންގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެމެރިކާ ސަރުކާރުން އެހީ ދެއްވާނެ ކަމަށް ބައިޑަން ވަނީ ވައުދުވެވަޑައިގެންފައެވެ. ބައިޑަން ފްލޮރިޑާއަށް ދަތުރުކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހުއެވެ.
2017ވަނަ އަހަރު ޕޯޓޮރީކޯ އަށް އެރި ތޫފާން މާރިއާ އާއި ގުޅިގެން އެހީ ފޮނުވަން ޓްރަމްޕް ލަސްވި ކަމަށް އެ ޖަޒީރާގެ ބައެއް ރައްޔިތުން ތުހުމަތު ކުރެއެވެ.
ތޫފާނުގެ ސަބަބުން ގެއްލުން ލިބުނު ފްލޮރިޑާ އާއި ކެރޮލައިނާސްގެ ރައްޔިތުންނަށް އެކަނިވެސް ކާރިސާތަކުން ސަލާމަތްވުމަށް އެތައް ބިލިއަން ޑޮލަރެއް ޚަރަދުވާނެ ކަމަށް ބެލެވެއެވެ.
މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ޕުއެރްޓޯއަށް ތޫފާން ފިއޮނާ އެރުމުން އެތައް ލައްކަ ބަޔަކަށް ވަނީ ކަރަންޓު ނެތި ކަނު އަނދިރީގައި ތިބެން ޖެހިފައެވެ.
އެމެރިކާގެ އެނާޖީ ސެކްރެޓަރީ ޖެނިފާ ގްރެންހޯލްމް މިދިޔަ އާދީއްތަ ދުވަހު ވިދާޅުވި ގޮތުގައި އެ ޖަޒީރާގެ %90 ކަސްޓަމަރުންނަށް މިހާރު ވަނީ ކަރަންޓް ދީފައެވެ. އަދި އެމެރިކާއިން ދޭ މި އެހީއަށް ޖެނިފާ ވަނީ ޝުކުރު އަދާކޮށްފައެވެ.
ޕުއެރްޓޯގެ ހަކަތައަށް ބޭނުންވާ ކަންކަން ހައްލުކުރުމަށް އެމެރިކާގެ ޝިޕިން ގަވާއިދުތައް މައާފު ކުރުމަށް ބައިޑަންގެ ސަރުކާރުން މިދިޔަ ހަފްތާ ވަނީ ފާސްކޮށްފައެވެ.