ޚަބަރު

ޓެކްސް ބޮޑުކުރުމުގެ ބިލުގެ ބަހުސް ފަށައިފި


ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި އަންނަ އަހަރު ޖެނުއަރީމަހުން ފެށިގެން ޖީއެސްޓީއާއި، ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލުގެ ބަހުސް މަރުހަލާ ފަށައިފިއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ. މިއިސްލާހު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ޚަރަދުގެ ސިޔާސަތުތަކާއި ދުނިއޭގެ އިގްތިޞާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ، އާމްދަނީން ރިކަރެންޓް ޚަރަދުތައް ހަމަނުޖެއްސޭނެކަމަށް ފާހަގަވާތީ ދައުލަތަށް ލިބޭ އާމްދަނީން ޚަރަދުތައް ހަމަޖެއްސުމަށްކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

ޝިފާއު ހުށައެޅުއްވި އިސްލާހުގައި ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ. ފިނޭންސް މިނިސްޓްރީންވެސް ވިދާޅުވެފައިވަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށް އޮތްތަނުގައި ދިމާވާ ދަތިތައް ބޮޑުވާނެކަމަށެވެ.

ބިލުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން މެމްބަރު ޝިފާއު ވިދާޅުވީ ދުނިޔޭގެ މާލީ އިދާރާތަކުގެ ލަފަޔާއި މަޝްވަރާގެ މަތީން ޖީއެސްޓީ އަދި ޓީޖީއެސްޓީ ރޭޓް ބޮޑުކުރުމަށް ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ އިޤްތިޞާދަށްޓަކައި އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށެވެ. ތަރައްޤީ ވަމުންދާ ދުނިޔޭގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ފަހިކޮށް، ތަރައްޤީގެ ކަންކަން ހުއްޓިގެން ދިއުމަކީ ރައްޔިތުން އެދޭ ގޮތެއް ނޫންކަމަށާއި، މިގެނެވޭ ބަދަލުން ރައްޔިތުންގެ ތަރައްޤީއަށް އިތުރު ބަދަލުތަކެއް ގެނެވޭނެކަމަށް ޝިފާއު ވިދާޅުވިއެވެ.

މިބަހުސްގައި ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ޖީއެސްޓީއާއި، ޓީޖީއެސްޓީ ހުރި މިންވަރަށް ބަލާއިރު ރާއްޖެއިން އަދަދަށް މިގެންނަ ބަދަލަކީ ހެޔޮ ބަދަލެއްކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ހިފެހެއްޓުމަށް އެޅޭ މިފިޔަވަޅާއި ދެކޮޅަށް ވާހަކަ ދައްކަވާ ބޭފުޅުން ވާހަކަ ދައްކަވަނީ ހަގީގަތް އެނގިތިބެ ސިޔާސީ މަޤްސަދެއްގައިކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފްގެ ވާހަކައިގައި ސަރުކާރުން ޓެކްސްތައް ނަގާއިރު އެއްވެސް ފަގީރެއްގެ އަތުން ޓެކްސް ނުނަގާނެކަންވެސް ފާހަގަކުރެއްވިއެވެ.

ބަހުސްގައި ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވަނީ މިއީ ޓެކްސްތައް ބޮޑުކުރަން އެންމެ ރަނގަޅު ވަގުތު ނޫންކަމަށް ވިދާޅުވެފައެވެ. އަދި ޓެކްސް ބޮޑުކުރަން ދީފައިވާ މުއްދަތަކީ އެކަށީގެންވާ މުއްދަތެއް ނޫންކަމަށްވެސް ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ޖީއެސްޓީ އަދި ޓީޖީއެސްޓީ ރޭޓް ހުރީ ދުނިޔޭގެ ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކާއި އަޅާބަލާއިރު ދަށްކޮށްކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމާއި ދަޢުލަތުގެ ޚަރަދުކުޑަކުރުމުގެ ގޮތުން ސަބްސިޑީ ރިފޯމް ކުރުމަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް އިތުރަށް ހަރަދަނާކޮށް ސަރުކާރުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ސަރުކާރުން މިހާރު ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މަޝްރޫޢުތަކުގެ އިތުރަށް އެހެން އެއްވެސް މަޝްރޫޢެއް ކުރިއަށް ނުގެންދިޔުމަށާއި ހިންގުމުގެ ޚަރަދުތައްވެސް ކުޑަކުރުމަށް ވަނީ ނިންމާފައެވެ.

ރާއްޖެއިން ޖީއެސްޓީއަށް ގެންނަން ހުށަހެޅި ބަދަލުތަކަށް މަރުހަބާ ކިޔައި އިޤްތިޞާދީ އިސްލާހުތައް ތަންފީޒުކުރުމަށް ސަރުކާރަށް އެއްބާރުލުން ދޭނެކަމަށް ވޯލްޑް ބޭންކުންވެސް ވަނީ މަރުހަބާ ކިޔާފައެވެ. ރާއްޖޭގައި މުދަލާއި ޚިދުމަތުން ތެކްސް ނަގަން ފަށާފައިވަނީ 2008ވަނަ އަހަރުން ފެށިއެވެ.