ޚަބަރު

ރަސްދޫ ހޮސްޕިޓަލްގެ ޓެންޑާ ޑޮކިއުމަންޓްތައް ކުވައިތު ފަންޑަށް ފޮނުވައިފި


ކުވައިތު ފަންޑުގެ އެހީގައި އއ.ރަސްދޫގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުގެ ޓެންޑާ ޑޮކިއުމަންޓްތައް ކުވައިތު ފަންޑަށް ފޮނުވައިފިއެވެ.

ކުވައިތު ފަންޑުގެ އެހީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވ އއ.އަތޮޅު ހޮސްޕިޓަލްގެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވޭތޯއާއި، ޕްރޮޖެކްޓް ލަސްވާ ސަބަބު ސާފު ކޮށްލެއްވުމަށް ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި ލިޔުމުން ޖަވާބު ހޯދުމަށް ކުރެއްވި ސުވާލުގެ ޖަވާބުގައި ވަޒީރު ވަނީ މިމަސައްކަތް ކުރެވެމުންދާ ގޮތުގެ ތަފްސީލް ދެއްވާފައެވެ.

ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ ހެލްތު މިނިސްޓްރީން ފޮނުފާވަފައިވާ 50 އެނދުގެ އއ. ރަސްދޫ ހޮސްޕިޓަލްގެ ޓެންޑާ ޑޮކިއުމަންޓް ވަނީ މިދިޔަ މަހުގެ 12 ދުވަހު ކުވައިތު ފަންޑުފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެފްއޭއީޑީގެ ނޯ އޮބްޖެކްޝަންއަށް ފޮނުވާފަކަމަށެވެ. އަދި ނޯ އޮބްޖެކްޝަން މިނިސްޓްރީއަށް ލިބުނުހާ އަވަހަކަށް ޓެންޑާގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިމަޝްރޫޢުގެ ލޯން އެގްރީމަންޓާއި ގުޅޭ މަޝްވަރާތައް ކޭއެފްއޭއީޑީއާއިއެކު މަޝްވަރާ ކުރެވެމުންދާކަމަށެވެ. މިމަޝްވަރާތަކަށްފަހު ކޭއެފްއޭއީޑީއާއިއެކު ކުރިއަށް އޮތް މަސްތަކުގެ ތެެރޭގައި ލޯނު އެގްރީމަންޓުގައި ސޮއިކުރެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރަސްދޫ ހޮސްޕިޓަލުގެ އިތުރުން ރާއްޖޭގެ 7 ރަށެއްގައި ހޮސްޕިޓަލް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢަށް ކުވައިތު ފަންޑުން ދިނުމަށް ހަމަޖެހިފައިވާ އެހީލިބި މިމަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

ސަރުކާރުން ދަނީ ރާއްޖޭގެ ސިއްޙީ ނިޒާމަށް ހެޔޮ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ 5 ސަރަޙައްދުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އާބާދީ އިތުރުވަމުން އަންނަ ރަށްރަށުގެ ސިއްޙީ މަރުކަޒުތައް ހޮސްޕިޓަލްތަކަށް ބަދަލުކުރުމާއި، އަދި އެކި ރަށްރަށުގެ ސިއްޙީ މަރުކަޒުތަކުގެ އެކްސްޓެންޝަން މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ.