ކުޅިވަރު

2029 ވަނަ އަހަރުގެ އޭޝިއަން ވިންޓަ ގޭމްސް ސައުދީގައި ބާއްވަނީ


2029 ވަނަ އަހަރުގެ އޭޝިއަން ވިންޓަ ގޭމްސް ސައުދީ އަރަބިއްޔާގެ ޓްރޮޖޭނާގައި ބޭއްވުމުގެ ފުރުސަތު ލިބިގެން ހިނގައްޖެއެވެ.

ޓްރޮޖޭނާއަކީ 2026 ވަނަ އަހަރު ނިމޭނެކަމަށްވާ ފަރުބަދަ މަތީ ރަށެއްކަމަށްވާ ނެއޯމް ސިޓީގެ ބައެކެވެ.

މިސިޓީއަކީ މުޅި އަހަރުތެރޭ ވިންޓަރ ސްޕޯޓްސްއަށް ހާއްސަ ކުރެވިގެއް ހުޅުވުމަށް ނިންމާފައިވާ ފަތުރުވެރިކަމުގެ މަންޒިލެކެވެ. ނެއޯމްގެ ޗީފް އެގްޒެކެޓިވް ނަދްމީ އަލް ނަސްރު ހާމަކުރިގޮތުގައި ޓްރޮޖޭނާގައި ފިނި މޫސުމުގެ މާހައުލެއް ހަނަފަސް ސަހަރާއެއްގެ މެދުގައި ގާއިމްކުރެވިގެންދާނެކަމަށެވެ. ފަތުރުވެރިކަމުގެ މިމަންޒިލްގައި ގަލްފް ސަރަހައްދުގައި ގާއިމްކުރެވޭ ފުރަތަމަ އައުޓްޑޯ ސްކީ ރިސޯޓް ހެދިގެންދާނެއިރު ހަދާފައިވާ ފްރެޝްވޯޓަރ ލޭކެއް ހުންނާނެއެވެ. އަދި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އިޔާދަކުރުވަނިވި ހަކަތަ ބޭނުން ކޮށްގެންނެވެ. ފަރުބަދަ ތަކުގައި އަސްލު ސްނޯ ހުންނާނެއިރު އާޓިފިޝަލް ސްނޯވެސް ކޮންމެވެސް ވަރަކަށް މިރަށުގައި ބޭނުން ކުރެވޭނެއެވެ.

މިއީ ކުޅިވަރުގެ މައިދާނުގައި ކުރީސަފުގައި ފައިތިލަ ސާބިތު ކުރުމަށް ސައުދީ އަރަބިއާއިން މިހާރު ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިމަތިލި އެންމެފަހުގެ އިވެންޓެވެ.