ޚަބަރު

ނޮވެމްބަރުމަހުން ފެށިގެން ސިޔާސީ ޕާޓީތަކުގައި ރަޖިސްޓްރީވުމަށް އާފޯމެއް!


ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނަށް ނޭގި ޕާޓީ ބަދަލުކޮށް، އޮޅުވާލައިގެން މީހުން ޕާޓީތަކަށް ވައްދާ މައްސަލަ ހައްލު ކުރުމަށްޓަކައި، ނޮވެމްބަރު މަހުން ފެށިގެން އާފޯމެއް ބޭނުން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަން ކޮމިޝަނުން މިބަދަލު ގެނައުމަށް ނިންމާފައިވަނީ ޕާޓީތަކުންނާއި، އާންމުންގެ ފަރާތުންވެސް އޮޅުވާލައިގެން ޕާޓީތަކަށް މީހުން ވައްދާ މައްސަލަބޮޑުވެ، މިކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. ޕާޓީތަކަށް މެމްބަރުން ރަޖިސްޓްރީ ކުރުމުގައި މިހާރު ބޭނުން ކުރަމުންދާ ފޯމަށް އިލެކްޝަނުން ގެންނަ ބަދަލުތަކާއެކު މިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ.

އަލަށް ތައްޔާރުކުރި ފޯމުގައި ހެކިންގެ ފިންގާ ޕްރިންޓްވެސް ޖަހަން ޖެހެއެވެ. އަދި ފޯމުގައި ޕާޓީއަށް ވަންނަ މީހާގެ ފޮޓޯއާއި، ސޮއިކުރާ މީހާގެ މަންމަގެ މައުލޫމާތުވެސް ހިމަނަންޖެހެއެވެ. މީގެއިތުރުންވެސް ބައެއް ބަދަލުތައް ފޯމަށް ވަނީ ގެނެސްފައެވެ. އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ ފޯމަށް ބަދަލު ގެނެސްފައިވަނީ ސިޔާސީ ޕާޓީތަކާއި މަޝްވަރާ ކުރުމަށްފަހުގައިކަމަށެވެ. އަދި މިހާރު ޕާޓީތަކުން ފުރަމުންދާ ފޯމުތަކާއި ފުރާފައިވާ ފޯމުތައް ނޮވެމްބަރު މަހުގެ ކުރިން އިލެކްޝަނަށް ހުށަހެޅުމަށް މުއްދަތެއް ދެވިގެންދާނެކަމަށާއި ނޮވެމްބަރު މަހުން ފެށިގެން އިލެކްޝަނުން ބަލައި ގަންނާނީ އާފޯމުތައްކަމަށް ހަސަން ވިދާޅުވިއެވެ.

ފޯމުތަކުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުން ދަނީ އެކޮމިޝަނަށް ޕާޓީތަކުން ހުށަހަޅާ ފޯމުތައް އާންމުކޮށް ހުޅުވާލައި، އެފޯމުތަކަށް ޝަކުވާ ހުށަހެޅުމަށް މުއްދަތެއްވެސް ދެމުންނެވެ. މިމައްސަލަތައް ހައްލު ކުރުމަށް އިލެކްޝަނުން ބޮޑެތި ބަދަލުތަކެއް ގެންނަމުން ދިޔަ ނަމަވެސް ސިޔާސީ ޕާޓީތަކަށް ވައްދާ މެމްބަރުންގެ ސައްޚަކަން ކަށަވަރު ކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީވެސް ސިޔާސީ ޕާޓިތަކުގައިކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.