ޚަބަރު

ޤަވާއިދާއި ޚިލާފަށް އުޅަނދެއް ރަޖިސްޓްރީކޮށްފައިވާނަމަ ފިޔަވަޅު އަޅާނަން: ނަހުލާ


ޤަވާއިދާއި ޚިލާފަށް އެއްގަމު އުޅަނދު ރަޖިސްޓްރާ މައްސަލާގައި ފަސްޖެހުމެއް ނެތި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ދެއްވައިފިއެވެ.

މިނިސްޓަރ ނަހުލާ މި ޔަޤީންކަން ދެއްވާފައިވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތީލްކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. އެގޮތުން ގަވައިދާ ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ ސަތޭކައެއްހާ އުޅަނދުގެ ރަޖިސްޓްރީ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ދާދި ފަހުން ބާޠިލުކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނާއި ހަދަމުންދާ އޯޑިޓް ތެރެއިން އޮޅުވާލައިގެން ރަޖިސްޓަރކޮށްފައިވާ އުޅަނދުތައް ފެންނަމުންދާކަން ފާހަގަކުރެވޭކަމަށެވެ.

އަދި ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަނަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދުފުޅެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވަކި މީހަކަށް ބެލުމެއްނެތި އަޅާނެ ކަމަށެވެ. އަދި އެފަދަކަންކަން ޤަވާއިދުގެ ތެރެއިން ކުރުމަށްޓަކައި އެއްވެސް ފަސްޖެހުމެއްނެތި މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ.

މާލޭގައި އެއް ގަރާޖަލަށް އެތައް އުޅަނދެއް ރަޖިސްޓްރީކޮށްފައިވާ މައްސަލަތަކެއްވެސް މީގެ ކުރިން ފާހަގަކުރެވިފައިވެއެވެ. ނަމަވެސް އެފަދަ ރަޖިސްޓްރީތައް ޓްރާންސްޕޯޓް މިނިސްތްރީން އަންނަނީ ބާޠިލުކުރަމުންނެވެ. އަދި އެފަދަ މައްސަލައެއް ފާހަގަ ކުރެވިއްޖެނަމަ އެގަރާޖެއްގެ ދަށުން އުޅަނދު ރަޖިސްޓްރީކޮށްދިނުން މިހާރުވަނީ ހުއްޓާލާފައެވެ.

އެ މިނިސްޓްރީން ދެއްވި ޔަޤީންކަމަކީ މިސަރުކާރުގައި އެފަދަ ކަމެއް ނުހިނގާނެކަމެވެ.

މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެއްގަމު އުޅަނދު ގިނަވެ މަގުތައް ތޮއްޖެހުމުގެ މައްސަލައެވެ. މިހާތަނަށް 80،000 އަށްވުރެ ގިނަ އުޅަނދު މާލެއަށް ރަޖިސްޓްރީކޮށްފައިވާއިރު މީގެތެރޭގައި 4500 އަށްވުރެ ގިނަ ކާރު ހިމެނެއެވެ.