ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓް ލީގު 2022 ގެ ބ. އަތޮޅުގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތުގެ ގުރު ނަގައިފިއެވެ.
ފޯ ސީޒަންސް ލަނޑާ ގިރާވަރުގައި ކުރިޔަށްގެންދަން ނިންމާފައިވާ ބާ ޒޯނަށް ހާއްސަ މުބާރާތް ފެށުމަށް ތައްޔާރުވަމުން އަންނަނީ އަންނަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހަށެވެ. މި ޒޯނުގައި އެންމެ ފަހުން މުބާރާތް ބޭއްވީ 2019 ވަނަ އަހަރުގައެވެ. އެހެންކަމުން މި މުބާރާތް ބާ ޒޯނުގައި ބާއްވަނީ ދެ އަހަރުދުވަހުގެ މެދުކެނޑުމަކަށް ފަހު އެވެ.
ޖުމްލަ ހަތް ޓީމު ބައިވެރިވާ ބާ އަތޮޅު ޒޯނުގެ ގްރޫޕް އޭ ގައި ހިމެނޭ ޓީމުތަކަކީ ފޯ ސީޒަންސް، ރީތި ބީޗް، އަނަންތަރަ ކަހާވަށް ވިލާސް، ނޮޓިލަސް އެވެ. ގްރޫޕް ބީގަ ހިމެނެނީ ސޮނޭވާފުށި، މިލައިދޫ އަދި ވައްކަރެވެ.
މި ޒޯނުގައި މިހާތަަނަށް ތިން ފަހަރެއްގެ މަތިން ރިސޯޓު ލީގު ވަނީ ބާއްވާފައެވެ. އެ ތިން ފަހަރުވެސް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސޮނޭވާފުއްޓެވެ. މުބާރާތް ބާ ޒޯނުގައި ބާއްވާފައިވަނީ 2014، 2016 އަދި 2019 ގައެވެ.
މުޅި ރާއްޖެ އެކި ޒޯނުތަކަށް ބަހާލައިގެން ކުރިޔަށްދާ ރިސޯޓު ލީގުގައި މިހާތަނަށް ދާލު ޒޯނުގެ ޗެމްޕިއަންކަން ކަނޑިންމަ މޯލްޑިވްސް ހޯދިއިރު ސައުތު އަރި ޒޯނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލޭންޑެވެ. ސައުތު މާލޭ ޒޯނުގެ ޗެމްޕިއަންކަން އޮޒެން ރިޒާވް ބޮލިފުށި ހޯދިއިރު ނޯތު މާލޭ ޒޯނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ބަރޮސް މޯލްޑިވްސް އެވެ.
މީގެއިތުރުން ނޫނު އަތޮޅަށް ހާއްސަކޮށް ބާއްވާ ނޫނު ޒޯނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސޮނޭވާ ޖާނީ އެވެ. ޅަވިޔަނި އަތޮޅުގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ ޅަވިޔަނި ޒޯނުގެ ކުޅުން މި މަހުގެ 25 ގައި ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. ޅަވިޔަނި ޒޯނުގެ ކުޅުން ކުރިޔަށްދާނީ ކުރެއްދޫ އައިލޭންޑް ރިސޯޓް އެންޑް ސްޕާ ގައެވެ.