ކުޅިވަރު

އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކުޅުންތެރިއަކަށް އެމްބާޕޭ


ފޯބްސްއިން އިއުލާންކުރި އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފުޓްބޯޅަ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރިއަށް ފްރާންސްގެ ފޯވާޑް ކިލިއަން އެމްބާޕޭ ޖެހިލައިފިއެވެ.

މިއީ ވޭތުވެދިޔަ ނުވަ އަހަރުގެ ތެރޭގައި މި ލިސްޓްގެ އެންމެ ކުރިން އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ނޫން އެހެން ކުޅުންތެރިއެއް ޖާގަހޯދި ފުރަތަމަ ފަހަރެވެ.

ފޯބްސްއިން އަންދާޒާ ކުރާގޮތުގައި މިފަހަރުގެ ސީޒަންގައި ފްރެންޗް ލީގުގެ ޗެމްޕިއަން ޕީއެސްޖީއަށް ކުޅެމުން އަންނަ އެމްބާޕޭއަށް 128 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބެއެވެ. މިލިސްޓްގެ ދެވަނައިގައި 120 މިލިއަން ޑޮލަރާއެކު އުޅެނީ އެމްބާޕޭއާއެކު އެއް ޓީމަކަށް ކުޅެމުންދާ މެސީއެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ރޮނާލްޑޯ އުޅެނީ 100 މިލިއަން ޑޮލަރާއެކު ތިންވަނައިގައެވެ. ހަތަރު ވަނައިގައި ބްރެޒިލްގެ ފޯވާޑް ނޭމާ އުޅޭއިރު، ފަސްވަނައިގއި އުޅެނީ މިސްރުގެ ތަރި މުހައްމަދު ސަލާހެވެ. ޕީއެސްޖީއަށް ކުޅޭ ނޭމާއަށް 87 މިލިއަން ޑޮލަރު ލިބޭއިރު, ޕްރިމިއާ ލީގުގެ ލިވަޕޫލަށް ކުޅޭ ސަލާހަށް ލިބެނީ 53 މިލިއަން ޑޮލަރެވެ.

މީގެކުރިން މެސީ ނުވަތަ ރޮނާލްޑޯ ނޫން ކުޅުންތެރިޔަކު މިލިސްޓްގެ އެންމެ ކުރިން ޖާގަ ހޯދާފައިވަނީ 2013 ވަނަ އަހަރުއެވެ. އެފަހަރު އެ ޖާގަ ހޯދީ އިންގްލަންޑްގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމްއެވެ. އެމްބާޕޭ ވަނީ މިސީޒަންގައި ޕީއެސްޖީއާއެކު އަގުބޮޑު އައު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި ލިސްޓްގެ ހަވަނައިގއި އުޅެނީ ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ މި ސީޒަނަށް އަލަށް ގުޅުނު ނޯވޭގެ ފޯވާޑް އާލިން ހާލަންޑެވެ. ގަދަ ދިހައެއްގައި ދެން ހިމެނެނީ ޕޯލަންޑުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އާއި ބެލްޖިއަމްގެ އެޑެން ހަޒާޑް އާއި ސްޕެއިންގެ އަންދްރޭސް އިނިއެސްޓާ އަދި ބެލްޖިއަމްގެ ކެވިން ޑި ބްރެއިނާއެވެ.